މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން ކަންބޮޑުވަނީ ހަމައެކަނި އެމްޑީޕީއަށް ނިސްބަތްވާ މީހުންކަމަށް އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވިދާޅުވެއްޖެ އެވެ.
މެންބަރު ހަންނާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލަށް ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ.
މެންބަރު ހަންނާނު ވިދާޅުވީ މި ބިލު މަޖިލީހަށް ހުށަހެޅި ފަހުން މިއަދާ ހަމައަށްވެސް އެއްވެސް ފަރާތަކުން މި ބިލާ ގުޅޭ ގޮތުން އެއްވެސް ކޯލެއް ނުވަތަ މަޝްވަރާ ކުރުމަށްވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.
އަޅުގަނޑު މި ބިލު ހުށަހެޅުމުން އަޅުގަނޑަށް އެއްވެސް ފަރާތަކުން، މިއަދު ނޫނީ އެއްވެސް ފަރާތަކުން މި ބިލާ ބެހޭ ގޮތުން ކޯލެއްވެސް އަދި މަޝްވަރާ ކުރުމަށްވެސް ގޮވާލާފަކާ ނެތް.
ހަންނާން ވިދާޅުވީ މި ބިލަކު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަދި މި ބިލާ މެދު ކަންބޮޑުވަނީ މަޖިލީހުގައި ތިބި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންކަމަށް ހަންނާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ މި ބިލު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފަ އެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓަށް އެހުމުން 49 މެންބަރުން ވަނީ މި ބިލު ބަލައިގަންނަން ފެންނަކަމަށް ވޯޓު ލާފަ އެވެ. މި ބިލު ބަލައިގަތުމާ ދެކޮޅަށް ވޮޓުލާފައިވަނީ 12 މެންބަރުންނެވެ. މި ބިލު އިތުރަށް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.
ރައްޔިތުންގެ މަޖިލިސް މީޑިއާ ބިލް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު