ހދ. ނޮޅިވަރަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް ފަށައިފި އެވެ.
ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ނޮޅިވަރަމުގައި ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް މުއިއްޒު މި ހިދުމަތް އެރަށުގައި ފެއްޓެވީ މިހާރު ހދ. އަތޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅާ އެއްގޮތަށް މިއަހަރުގެ ތެރޭގައި 100 ރަށެއްގައި އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފަ އެވެ.
ނޮޅިވަރަމުގައި ޤާއިމްކޮށްފައިވާ އޭޓީއެމް ރަސްމީކޮށް ފަށްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އޭޓީއެމުން ފައިސާ ނަންގަވައި، ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފަ އެވެ. މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި، ޖަމާކުރުމުގެ އިތުރުން ބިލު ދެއްކުމާއި ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 8 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފަށާފަ އެވެ. އެންމެ ފަހުން އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށް ނިންމާފައިވަނީ އއ. އަތޮޅުގަ އެވެ.
ހދ. ނޮޅިވަރަމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް
