މާލެ ސަރަހައްދުގައި ވީއްލިގެން އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ތަރައްޤީކުރި އޮޅުހިޔާގައި ޤާއިމްކޮށްފައިވާ ކްލިނިކް ރަޖިސްޓްރީކޮށް ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާކަމަށް އެގްރިކަލްޗަރ މިނިސްޓްރީއިން ބުނެފިއެވެ.
މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ގާއިމްކުރި އޮޅުހިޔާ ހުޅުވާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި މަރުކަޒު ޤާއިމްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.
އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، އޮޅުހިޔާގެ ހިންގުން ހަރުދަނާކޮށް، އެތަނުން ބުޅާތަކަށް ލިބެންޖެހޭ އެންމެހާ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މި މަސައްކަތުގެ ދަށުން އޮޅުހިޔާގެ ކްލިނިކް ބަޔަށް ބޭނުންވާ ބޭހާއި އެހެނިހެން އާލާތްތައް މިހާރުވަނީ ހޯދާފައެވެ. އަދި ކްލިނިކް ރަޖިސްޓްރީކޮށް، އެމް.އެފް.ޑީ.އޭ އިން ކޮންޓްރޯލްޑް ޑްރަގްސްގެ ހުއްދަ ނަގައި، ސާޖަރީ ކުރުމަށް ބޭނުންވާ ހޭނައްތާ ބޭސްތައްވެސް ވަނީ ހޯދާފައެވެ.
މިނިސްޓްރީގެ ފަރާތުން އިތުރަށް ހާމަކުރި ގޮތުގައި، އޮޅުހިޔާގެ ޝެލްޓަރ ބައި އެ ވުޒާރާއާއި ގުޅިގެން ހިންގުމަށް ބަޔަކު ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން 2 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. މިހާރު ބިޑް އެސެސްމެންޓުގެ މަރުހަލާ ނިމި، ބިޑް އެވޯޑުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
އަދި މިނިސްޓްރީއިން މިހާރު ވަނީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ނެގުމުގެ މަސައްކަތް ފަށާފައެވެ. މީގެ އިތުރުން، އެއްފަހަރާ 100 ބުޅާ ކަރަންޓީނު ކުރެވޭނެ ޖާގަވެސް ވަނީ އިތުރުކޮށްފައެވެ. މި މަސައްކަތްތަކަކީ މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކެވެ.
އޮޅުހިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
