ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަށްގެންދާއިރު ޤާނޫނީ އިންތަކާއި ދީން ހުއްދަކުރާ ހަމަތައް ހިފެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
އއ. އުކުޅަހުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް ހިންގާ އަދި އެކަމުގައި އުޅޭ ހުރިހާ ފަރާތްތަކަށް އަމާޒުކުރައްވާ ބައެއް ކަންކަން ފާހަގަކުރައްވާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ލޯކަލް ޓޫރިޒަމް އިންޑަސްޓްރީ ކުރިއަށްގެންދަނީ ވަކިން އޮންނަ ރިސޯޓެއްގައި ނޫން ކަމަށާއި، އެކަން ކުރަނީ ދިރިއުޅޭ ރަށުގައި، އާއިލާތައް އަދި ކުޑަކުދިން އުޅޭ ފަސްގަނޑުގައި ކަމަށެވެ. އެހެންކަމުން ވިސްނަންޖެހޭ ވަރަށްގިނަ ކަންކަން ހުންނާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މި އިންޑަސްޓްރީ ފުޅާކޮށް، ރައްޔިތުންނަށް ފުދުންތެރިކަން ގެނެސްދޭން ބޭނުންވާ ކަމަށެވެ. ނަމަވެސް މިކަމުގައި ކުރިއަށްދާއިރު ވިސްނާލަންޖެހޭ ހަގީގަތްތަކެއް ހުރިކަމަށް ވިދާޅުވި އެވެ.
އެގޮތުން އަޅުގަނޑުމެން ގަބޫލުކުރާ އަޤީދާ އަދި އިސްލާމް ދީން ހުއްދަނުކުރާ ކަންކަމުގެ ތެރެއަށް، މިއިންޑަސްޓްރީގެ ތެރެއިން އާއިލާތައް އަދި ކުޑަކުދިން ވަދެގެން ދިއުމަކީ ފުރުސަތު ދެވިގެންވާނެ ކަމެއް ނޫންކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމްގެ ކަންކަން ހިންގަންވާނީ ޤާނޫނުތައް ހުއްދަދޭގޮތަށް ކަމަށާއި އަދި ރިސޯޓްތަކާ ސަފާރީތަކުގައި ކުރާ ހުރިހާކަމެއް ރަށްރަށުގައި ނުކުރެވޭނެ ކަމަށެވެ.
އުކުޅަހަށް އައުމުން އެރަށުގެ ކުޑަކުދިންގެ ފަރާތުން މެސެޖެއް ލިބުނުކަން ފާހަގަކުރައްވާ ރައީސް ވަނީ ޖަލްސާގައި އެ މެސެޖު ހިއްސާކުރައްވާފަ އެވެ.
”ކޮއްކޮމެން ބޭނުން ބީޗަށް ދާން. އެކަމަކު ގެސްޓުން އުޅަނީ އައްޗިކޮށް. ބީޗުގައިވެސް، ރެސްޓޯރެންޓްގައިވެސް، މަގުމަތީގަވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން.“ މިއީ ކުޑަކުދިން ދިން މެސެޖެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުޑަކުދިންގެ މެސެޖުގައި ވަރަށް ސާދާކޮށް ބުނެފައިއެވަނީ އެމަނިކުފާނު ފާހަގަކުރައްވާ ވާހަކަ ކަމަށެވެ. ރައީސް ވިދާޅުވީ އަމިއްލަ ނަފުސަށް އޮޅުވާލަން އުޅެނީ ކޮންކަމެއްތޯ ވިސްނާލަންޖެހޭ ކަމަށެވެ.
ލޯކަލް ޓޫރިޒަމް ކުރިއަށްގެންދާއިރު އިންތައް ހިފަހައްޓަންޖެހޭނެ ކަމަށާއި އަދި އިސްލާމް ދީން ބުނެދޭ ހަމަތަކުގެ މަތީގައި ކަންކަން ކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”ކައިރީގައި އޮންނަ ސަފާރީއެއްގައި، ރަށުގެ އިހްތިސާސުން މިންކޮށްފަ 700 މީޓަރު އެޅޭހިސާބުން އެއް ފޫޓު ބޭރުގަ ސަފާރީއެއް ބާއްވައިގެން، އެޔަށް ސިއްރު ސިއްރުން ގެސްޓުން ގެންގޮސްގެން ރާ ވިއްކާ، ރާ ދީހަދައިގެން، އަނެއްކާ އަނބުރާ ރަށަށް ގެނެސް، މިކަހަލަ ކަންތައްވެސް އެބަކުރޭ.“
ރައީސް ވިދާޅުވީ ލިބޭ ފުރުސަތުތައް ބޭނުންހިފަންޖެހޭނީ އަމިއްލަ ނަފްސަށް އިޚްލާސްތެރިވެގެން ކަމަށެވެ. އަދި ސިކުންޑި ތަރައްގީ ނުވާނަމަ ގެންނަ ކޮންކްރީޓް ތަރައްގީން ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެހެންކަމުން މިކަމަށް ލޯކަލް ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ވިސްނައިގެން މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުކުޅަސް ލޯކަލް ޓޫރިޒަމް