އއ. އުކުޅަހުން 250 ގޯތި ދޫކުރުމުގެ ހުއްދަ އަންނަ ހަފްތާގައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިރޭ ވަނީ އއ. އުކުޅަހަށް ވަޑައިގެންފަ އެވެ. އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މާދަމާ ހެނދުނު ބީއެމްއެލްގެ ބްރާންޗެއް އުކުޅަހުގައި ހުުޅުވައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށޭނެ ކަމަށާއި އެއީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ. މިކަމަކީ އުކުޅަހު ރައްޔިތުންގެ އާމްދަނީ އިތުރުވެ އިގްތިސާދު ރަނގަޅުވާނެ ކަމެއްކަން ފާހަގަކުރެއްވި އެވެ.
އުކުޅަހުގެ ދޯނިއެހެލާ ސަރަހައްދު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކުރެވުނުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތުގެ ސަބަބުން އުކުޅަހުގެ ރައްޔިތުން ދުއްވާ އުޅަނދުތަކަށް ބޭނުންހިފޭކަހަލަ ގޮތަކަށް ޑިޒައިންކޮށް ހެދޭތަނެއް ކަމަށެވެ. ސްކޫލަށް އޮފީސް ޖާގަ އިތުރުކުރުމަށް ސޮއިކުރި އެއްބަސްވުމުގެ ތެރެއިން ހެދޭ އިމާރާތުން، ތައުލީމީ ކަންކަމަށް ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް އަދި މުވައްޒަފުންނާއި ޓީޗަރުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ސްޕޯޓްސް ކޮމްޕްލެކްސްގެ އެއްބަސްވުމުގައި މިރޭ ސޮއިކުރެވުނުކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެ ސްޕޯޓްސް ކޮމްޕްލެކްސް ވެގެންދާނީ ކުޅިވަރު ކުޅޭ ފަރާތްތަކަށް ލިބޭ ކުރިއެރުމަކަށް ކަަމަށެވެ. އެގޮތުން އިންޑޯ ގިނަ ކުޅިވަރުތަކެއް އެތަނުގައި ކުޅެވޭނެ ކަމަށާއި އަދި އެތަނުގައި ޗޭންޖިން ރޫމް ފަދަ ވަސީލަތްތައްވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އުކުޅަހުގެ ބިން ހިއްކުމުގެ މަޝްރޫއުވެސް ކުރިއަށްދާއިރު، ބިން ހިއްކަނީ އެންމެ ބޭނުންތެރިގޮތުގައި އެ ބިމުގެ ބޭނުންހިފުމަށް ކަމަށެވެ. ބިން ހިއްކާނީ ބިން ހުސްވެގެން ބޭނުންވާ ކަންކަން ކުރުމަށް ކަމަށާއި އުކުޅަހަށް އެންމެ ބޮޑަށް އޮތީ ބޯހިޔާވަހިކަމުގެ މައްސަލަކަން ރައީސް ފާހަގަކުރެއްވި އެވެ. އެ މަސައްކަތް މިހާރު އޮތީ ހިއްކާ ނިމުމުގެ މަރުހަލާގަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެ ބިމުގެ ބޭނުންހިފާއިރު އެކަމަށް ވިސްނަންޖެހޭނެ ކަމަށެވެ.
މިހާރު އުކުޅަހު ކައުންސިލުން މިނިސްޓްރީއަށް ފޮނުވާފައިވާ ލޭންޑްޔޫސް ޕްލޭން އޮތްގޮތުން ކަނޑައެޅިފައި އޮތީ 174 ގޯތި ދެވޭވަރަށް ކަމަށާއި އަދި ހައުސިން ޔުނިޓް އަޅަން ބިން ހާއްސަ ކޮށްފައިވާ ކަމަށެވެ. އަދި އިތުރު ޖާގަ ހާއްސަކޮށްފައިވަނީ ލޯކަލް ޓޫރިޒަމްއަށް ބޭނުންކުރުމަށް ކަމަށާއި ނަމަވެސް ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމީ ގޯތިގެދޮރުގެ ލިބޭނެގޮތެއްވުންކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން 250 ގޯތި ދެވޭވަރަށް ލޭންޑްޔޫސް ޕްލޭން ބަދަލުކޮށް ފާސްކުރައްވާނެ ކަމަށާއި އަދި އެ ގޯތި ދޫކުރުމުގެ ހުއްދަ މިއަންނަ ހފްތާގައި ކައުންސިލަށް ދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. މީގެއިތުރުން 50 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު މިއަހަރު ބަޔަކާ ހަވާލުކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އުކުޅަހުގެ މަގުހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތް މިހާރު އޮތީ ތާރު އެޅުމާ ހަމައިގައި ކަމަށެވެ. އެމަސައްކަތް ރައްޔިތުން ބޭނުންވާގޮތަށް ކުރިއަށްގެންދަވާނެ ކަމަށާއި އަދި ރައްޔިތުން ބޭނުންވާގޮތަށް ރަށުގެ މައި އެހެން މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
