ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަސައްކަތަށް އެ ޕާކު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ބުނި ގޮތުގައި އެ ޕާކު ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ އެ ތަން ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާތީއެވެ. އެތަން ބަންދުކޮށްފައިވަނީ ތިން މަސްދުވަހުގެ މުއްދަތަކަށެވެ.
ސަލްޓަން ޕާކު ތަރައްގީ ކުރާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ރައްޔިތުންނާއެކު ޕޮޑްކާސްޓުގައެވެ. އެ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ސަލްޓަން ޕާކު ތަރައްގީ ކުރާނީ ބޮޑެތި މީހުންނާއި ޒުވާނުންނަށް ވެސް އެ ތަނުގެ ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ.
”ސަލްޓަން ޕާކު ސަރަހައްދަކީ ވަގުތު ހޭދަކޮށްލަން އެންމެ ހިތްފަސޭހަ، އެންމެ ގިނަ ކަންކަން ކުރެވޭ ސަރަހައްދަށް ހެދިގެންދާނެ“ ކަމަށް ރައީސް ވިދާޅުވި އެވެ.
އާ ތަރައްގީގެ ތެރޭގައި ކުޑަކުދިންނާއި އާއިލާތަކަށް ހިތްހަމަޖެހިލައިގެން ވަގުތު ހޭދަކުރެވޭނެ ތަފާތު ވަސީލަތްތައް ޕާކަށް އިތުރުކުރެވިގެންދާނެ ކަމަށް ރައީސް އެ ދުވަހު ފާހަގަކުރެއްވި އެވެ.
ސަލްޓަން ޕާކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ރައީސް މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި އިރު، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ތަރައްގީ ކުރެވުނު ތަނެކެވެ. އޭރު އެތަން ތަރައްގީ ކުރެވިފައިވަނީ ސްނޯ ޕާކަކާ އެކުގައެވެ. ނަމަވެސް މިހާރު އެތަން ވަނީ ބަންދުކުރެވިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ސަލްޓަން ޕާކް