ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާގެ މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، އެކޮމިޝަންގެ ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަންކުރުމަށްޓަކައި އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މިއަދުން ފެށިގެން 2025 ވަނަ އަހަރުގެ ސެޕްޓެންބަރު 7 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކަމަށެވެ.
ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އާ ހަމައަށް ރައީސް އޮފީހުންނެވެ. އަދި މި މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ އޮފީހުން މަޢުލޫމާތު ދީފައިވެ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްއަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ. މި ޓްރައިބިއުނަލްގެ މައިގަނޑު މަސްއޫލިއްޔަތަކީ މީރާގެ ނިންމުންތަކާމެދު ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލަތައް ބެލުމެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސް ހިންގުމުގެ ގާނޫނާއި ނުވަތަ ޓެކްސް ނެގުމުގެ އެހެން ގާނޫނަކާ ގުޅޭ ކަންކަން ނިންމުމުގެ ބޭނުމުގައި އުފައްދާފައިވާ ޓްރައިބިއުނަލް އެކެވެ. މި ޓްރައިބިއުނަލަކީ 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޓްރައިބިއުނަލެކެވެ. ޓްރައިބިއުނަލްއަށް މެންބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖްލިސްގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް ރައްޔިތުންގެ މަޖިލިސް ޓެކްސް އެޕީލް ޓްރިބިއުނަލް