މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،566 މީހުން ރަޖިސްޓްރީ ކޮށްފިއެވެ. މިއީ ޖޫން މަހާ އަޅާބަލާއިރު 154 މީހުންގެ އިތުރުވުމެކެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ދަފްތަރުގައި ހިމެނޭ ޖުމުލަ އަދަދުގެ ތެރޭގައި 6،095 އަންހެނުންނާއި 8،471 ފިރިހެނުން ހިމެނެއެވެ. އަދި މި ދަފްތަރުގައި އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ.
ނަފްސާނީ ނުކުޅެދުންތެރިކަމުގެ ގޮތުގައި ޖުމުލަ 1،854 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު، މީގެ ތެރޭގައި 743 އަންހެނުންނާއި 1،111 ފިރިހެނުން ހިމެނެއެވެ. އަދި އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،756 ފަރާތެއް ރަޖިސްޓްރީ ކޮށްފައިވާއިރު، މީގެ ތެރޭގައި 930 އަންހެނުންނާއި 826 ފިރިހެނުން ހިމެނެއެވެ.
ފެނުމުގެ ނުކުޅެދުންތެރިކަމުގެ ދަށުން ޖުމުލަ 1،006 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު، މީގެ ތެރޭގައި 472 އަންހެނުންނާއި 534 ފިރިހެނުން ހިމެނެއެވެ. އަދި އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރގެ ދަށުން 585 ފަރާތެއް ރަޖިސްޓްރީ ކޮށްފައިވާއިރު، މީގެ ތެރޭގައި 123 އަންހެނުންނާއި 462 ފިރިހެނުން ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާއެކު، މި ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެންސްޕާއިން ބުނެއެވެ.