އައްޑޫގައި ނަގާ ވޯޓުގައި ރައްޔިތުން ނިންމާ ގޮތަކީ ސަރުކާރުން ތާއީދު ކުރާނެ ގޮތް: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީގެ ތިން ރަށެއްގެ އިދާރީ ހިންގުމާ ގުޅޭގޮތުން ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ވަކި ނިންމުމެއް ނެތް ކަމަށާއި، ރައްޔިތުން ނިންމާ ކޮންމެ ގޮތަކީ ސަރުކާރުން ތާއީދުކުރާނެ ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ލ. ފޮނަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އައްޑޫގައި ނަގަން އުޅޭ ވޯޓަކީ ސަރުކާރުގެ އެއްވެސް ބޭނުންވާ ނަތީޖާއެއް އޮވެގެން ނަގާ ވޯޓެއް ނޫން ކަމަށެވެ.

”ސަރުކާރުގެ އެއްވެސް ނިންމުމެއް ނޫންނަމަ އެއްވެސް ކަހަލަ ބޭނުންވާ އައުޓްކަމެއް އޮތް ވޯޓެއްނޫން އައްޑޫގައި ނަގަނީއެއް، އައްޑޫގެ ފޭދޫ އާއި މީދޫ އަދި ހުޅުދޫ ރައްޔިތުން ބޭނުންވާ ގޮތަކަށް ވޯޓު ލެއްވީމަ ނިމުނީ“ ރައީސް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މިއީ ރިޔާސީ އިންތިޚާބުގައި އެ ތިން ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެއް ފުއްދުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށެވެ. އަދި މިކަން ކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެން، ގާނޫނީ ނިޒާމުގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ މިހާރު އޮތް ކޮމްޕޮޒިޝަން ބޭއްވިޔަސް އަދި ވަކިވަކި ކައުންސިލުތަކެއް އުފެއްދިޔަސް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. މި ވާހަކަތައް ވިދާޅުވީ ވޯޓަށް ފަސް ދުވަސް ބާކީ އޮއްވައި، ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކާތީ އެކަން ސާފުކޮށްދިނުމުގެ ގޮތުން ކަމަށް ރައީސް ވިދާޅުވި އެވެ.

މި މަހުގެ 25 ވަނަ ދުވަހު ނަގާ މި ވޯޓަކީ ވަކި ސަރަހައްދެއްގައި ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް އެކުލަވާލި ގާނޫނުގެ ދަށުން ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީ ކައުންސިލް ލ. ފޮނަދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ