އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށްދާ ފަރާތްތަކަށް 2،000 ޑޮލަރު ލިބޭގޮތް ހަދައިފި

Advertisement

އެންމެ ފަސް

Advertisement

އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށް ދާ ބަލިމީހުންނަށް މިއަދުން ފެށިގެން 2،000 ޑޮލަރާ ހަމައަށް ބޭންކުތަކުން ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފި އެވެ.

މިއީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ލުއި ދިނުމުގެ ގޮތުން ސަރުކާރުން ފެށި ކަމެކެވެ.

މި ނިންމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2،000 ޑޮލަރާ ހަމައަށް ޑޮލަރު ލިބެމުންދާއިރު، މި ނިންމުމާއެކު އެންސްޕާ މެދުވެރިކޮށް ދާ ބަލިމީހުންނަށްވެސް ހަމަ އެ މިންވަރަށް ޑޮލަރު ލިބޭނެ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ބޭންކު މެދުވެރިކޮށް މިހާރު އެ ޑޮލަރު ލިބޭނެކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ފަރާތްތަކަށް ވެސް މިއަދުން ފެށިގެން ބޭންކުތައް މެދުވެރިކޮށް 1،000 ޑޮލަރު ލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. ކުރިން އަމިއްލަ ޚަރަދުގައި ފަރުވާއަށް ދާ މީހުންނަށް ބީއެމްއެލް މެދުވެރިކޮށް ލިބެމުން އައީ ޓިކެޓަށް ލިބޭ 500 ޑޮލަރު އެކަންޏެވެ.

ސަރުކާރުން މިހާރުވެސް ގެންދަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އެގޮތުން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު މަހެއްގެ މައްޗަށް 1،200 ޑޮލަރު ލިބޭނެއެވެ. އަދި މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށްދިޔަ ކޮންމެ ޙައްޖުވެރިއެއްގެ ޑެބިޓް ކާޑަށް 1،750 ޔޫއެސް ޑޮލަރުގެ ލިމިޓްވެސް ސަރުކާރުން ވަނީ ދީފަ އެވެ.

އެންސްޕާއިން ހިއްސާކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭސްފަރުވާގެ ޚަރަދުތަކަށް އެހީގެ ގޮތުގައި މިދިޔަ ޖޫން މަހު 25.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުން ފަރުވާކުރުމަށް 8.1 މިލިޔަން ރުފިޔާ އަދި ރާއްޖެއިން ފަރުވާކުރުމަށް 17.7 މިލިޔަން ރުފިޔާ އެހީގެ ގޮތުގައި އެންސްޕާއިން ވަނީ ޚަރަދުކޮށްފަ އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް އާސަންދަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ