ލ. ކައްދޫ އެއަރޕޯޓު އިތުރަށް ތަރައްޤީ ކުރުމަށާއި ލ. ފޮނަދޫގެ ބިން އިތުރުކުރުމަށް ޖުމްލަ 144 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫގެ އަމަލީ މަސައްކަތް ފަށާ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި މަޝްރޫ ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި މަޝްރޫގެ ދަށުން އެއަރޕޯޓުގެ ބޭނުމަށް 114 ހެކްޓަރު އަދި ރަށުގެ ބޭނުމަށް 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫގެ ދަށުން ތަރައްޤީކުރެވޭ އެއަރޕޯޓުގައި 2,800 މީޓަރުގެ ދިގު ރަންވޭއެއް ހެދުމަށް ވަނީ ރޭވިފަ އެވެ.
މުޅި މަޝްރޫގެ ބިން ހިއްކުމުގެ މަސައްކަތް މިއަދުން ފެށިގެން ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި މަޝްރޫގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ވަނީ މިހާރު ހުރިހާ ކަމެއް ހަމަޖެހިފަ އެވެ. އެގޮތުން މާދަމާ ހެނދުނު މޫސުން ތަންދޭނަމަ، ބިން ހިއްކުމުގެ މަޝްރޫގެ ފެށުން އޮންނާނެ ކަމަށް ރައީސް މުއިއްޒު ވަނީ އިޢުލާނުކުރައްވާފަ އެވެ.
މި މަޝްރޫގެ ފުރަތަމަ މަރުހަލާގެ ގޮތުގައި ބަންޑުވޯލް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 5 މަސްދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށް ލަފާކުރެވެ އެވެ. ބަންޑުވޯލް ޖެހުމުގެ މަސައްކަތް ނިމުމާއެކު ޑްރެޖަރު މެދުވެރިކޮށް ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ އެވެ.
މި މަޝްރޫގެ ދަށުން ހިއްކޭ ބިމުގައި އެއަރޕޯޓް ތަރައްޤީކުރެވޭއިރު، މިހާރު ކައްދޫގައި ހުރި އެމްއެންޑީއެފްގެ މަރުކަޒު އެހެން ތަނަކަށް ބަދަލުކުރަން ނުޖެހޭ ގޮތަށް ވަނީ ރޭވިފަ އެވެ.



