ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ އާންމުނުކުރިނަމަ އެ މައްސަލައިގައި ކުރިއަށް ދެވޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން ވަހީދު ވަނީ ރާއްޖެއިން ގެއްލުނު ކަނޑުގެ މައްސަލައިގައި ސަރުކާރުގެ ސިޔާސަތާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ، ކުރީ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިއްރު ސިޓީގެ ސަބަބުން ރާއްޖެއިން ބޮޑު ކަނޑުގެ ސަރަހައްދެއް ގެއްލިގެން ދިޔަ ކަމަށެވެ.

ޚަލީލް ވިދާޅުވީ ކުރީ ސަރުކާރުން އެ ސިޓީ ބޭރުނުކުރިނަމަ އެ މައްސަލައިގައި ކުރިއަށްދެވޭނެ ކަމަށެވެ.
”މިއަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަކީ، ބޭރުގެ އެކިއެކި ލޯޔަރުން ހޯދައިގެން، އެ މައްސަލަ އިތުރަށް ރިވިއު ކުރުމުގެ މަސައްކަތް.“ މިނިސްޓަރު ޚަލީލް ވިދާޅުވި އެވެ.
ރާއްޖެއަށް ފޯޅަވަހި އަދި ކަނޑުގެ ސަރަހައްދު ގެއްލުނީ، ފޯޅަވައްސާ ގުޅޭގޮތުން ރާއްޖޭގެ ކްލެއިމްއެއް ނެތް ކަމަށް ކުރީ ސަރުކާރުން ބުނުމުން ކަމަށް މިނިސްޓަރު ޚަލީލް ވިދާޅުވި އެވެ.

ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއެއްގެ މައްސަލައިގައި އެ ސަރުކާރުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ސިޓީ އާންމު ކުރުމަށް ކުރީ ސަރުކާރުން ދެކޮޅު ހަދަމުން ދަނިކޮށް އެ ސިޓީ ”ލީކު“ ވެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ތެރޭގަ އެވެ.
ރައްޔިތުންގެ މަޖިލިސް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ޗާގޯސް
