ބ. ހިތާދޫ ކައިރީގައި އޮތް މާމަޑުއްވަރި ހިތާދޫއާ ހަވާލު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ބ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތާދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ މާމަޑުއްވަރިއަކީ ކުރިން ހިތާދޫގެ ރައްޔިތުން އިގްތިސޯދީ ބޭނުންތަކަށާއި ދަތުރު ދިއުމަށް ބޭނުން ކުރަމުން އައި ރަށެއްކަމަށެވެ. ނަމަވެސް ޓޫރިޒަމްގެ ބޭނުންމަށް އެރަށް ތަރައްގީ ކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
މިހާރު ޓޫރިޒަމް އެގްރީމެންޓެއްގެ ތެރެއިން ބަޔަކާ ހަވާލުކޮށްފަ އޮންނަތާ ދުވަސްތަކެއް ވެފަައިވަނީ. އެހެންނަމަވެސް އެ އެގްރީމެންޓާ އެއްގޮތަށް މަސައްކަތްތައް ނުހިނގާ ރަށެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓަރު އަޅުގަނޑަށް މައުލޫމާތު ދެއްވަނީ.
މާމަޑުއްވަރި ޓޫރިޒަމަށް ތަރައްގީ ކުރުމަށް ހެދިފައިވާ އެގްރީމެންޓް ގާނޫނާއި ގަވައިދުގެ ތެރެއިން، އޮންނަ އުސޫލުގެ ތެރެއިން ނިމުމަކަށް ގެނެސް، މާމަޑުއްވަރި ހިތާދޫއާ ހަވާލު ކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޓޫރިޒަމް މިނިސްޓަރާއި އެޓާނީ ޖެނެރަލް ގުޅިގެން އެ މަސައްކަތް ކުރައްވާނެ ކަމަށާއި އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެރަށް ހިތާދޫއާ ހަވާލު ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވަނީވެސް ރައްޔިތުންގެ ކަންކަން ބައްލަވާ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދެއްވުމަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަންޑާރަ ނައިބުގެ އޮފިސް އެޓާނީ ޖެނެރަލްސް އޮފީސް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
