2025 ވަނަ އަހަރުގެ ޖުލައި މަހު ވޭޕް ގުޅުންހުރި ޖުމްލަ 15 މައްސަލައެއް ރިކޯޑުކުރެވި، 22 ފަރާތަކަށް ޖޫރިމަނާ ކުރެވިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފި އެވެ.
ފުލުހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މައްސަލަތަކުގެ ތެރޭގައި ވޭޕް/އިލެކްޓްރޯނިކް ސިނގިރޭޓް ގަނެވިއްކުމުގެ 1 މައްސަލައާއި، އެތަކެތި އަތުގައި ބެހެއްޓުމުގެ 8 މައްސަލައާއި، އެތަކެތި ބޭނުންކުރުމުގެ 6 މައްސަލަ ހިމެނެ އެވެ.
މި މައްސަލަތަކާ ގުޅިގެން ކުރެވުނު ޖޫރިމަނާތަކުގެ ތެރޭގައި ވޭޕް ބޭނުންކުރުމުގެ މައްސަލަތަކަށް 62,000 ރުފިޔާއާއި، ގަނެވިއްކުމުގެ މައްސަލަތަކަށް 7,000 ރުފިޔާއާއި، އަތުގައި ބެހެއްޓުމުގެ މައްސަލަތަކަށް 58,000 ރުފިޔާގެ ޖޫރިމަނާ ހިމެނެ އެވެ. ޖޫރިމަނާގެ ޖުމްލަ އަދަދު 127،000 ރުފިޔާއަށް އަރަ އެވެ.
ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިވެ، އަމިއްލަ ސިއްހަތާއި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ޒިންމާދާރު ގޮތެއްގައި ކަންކުރުމަށް ފުލުހުން ގޮވާލައްވާފައިވެ އެވެ.
ވޭޕްގެ މައްސަލަތަކުގައި ކުރާ ޖޫރިމަނާތަކަށް ފައިސާ ހޯދުމަކީ ބުއްދި ގަބޫލު ނުކުރެވޭކަމެއްކަމަށް މީގެ ކުރިން މަޖިލީހުގެ ކޮމިޓީއެއްގައި ކަސްޓަމްސްއިން ބުނެފައިވެ އެވެ. ކަސްޓަމްސްއިންވެސް އަންނަނީ ރާއްޖެއަށް އެތެރެ ކުރާ ވޭޕްގެ އާލާތްތައް އަތުލާ އެތަކެތި އެތެރެ ކުރާ ފަރާތްތައް ޖޫރިމަނާ ކުރަމުންނެވެ. އެގޮތުން ބައެއް ފަރާތްތައް 40 މިލިއަނުން ޖޫރިމަނާކޮށްފައިވާ ކަމަށާއި އެފަދަ ފައިސާ ލިބޭނެކަން ގަބޫލު ނުކުރެވޭކަމަށް ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓު އަހުމަދު ސިމާހު ވިދާޅުވެފައިވެ އެވެ.
ވޭޕް އަދި އިލެކްޓްރޯނިކް ސިނގިރޭޓަކީ ދިވެހިރާއްޖޭގައި މަނާ ތަކެތި ކަމަށްވެފައި، މިފަދަ ތަކެތި ގެންގުޅުމާއި، ވިއްކުމާއި، ބޭނުންކުރުމަކީ ޤާނޫނީ ގޮތުން ކުށެކެވެ.
ކަސްޓަމްސް ދިވެހި ފުލުހުންގެ ޚިދުމަތް ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން