ފަނޑިޔާރުންގެ އަހުލާގާއި ސުލޫކު ހުންނަންވާނީ ހަރުދަނާ އުސޫލުތަކެއް މަތީގައި ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސައިން ރިޒާ އާދަމް ވިދާޅުވެއްޖެ އެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުﷲ ޖަމީލް މޫސާ އައްޔަނު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިޒާ ވިދާޅުވީ، ފަނޑިޔާރުކަމަކީ އެކަމަށް ޝައުގުވެރިކަމާއި ލޯބި ހުރެގެން، އަދި އެކަންކުރުމުގެ ހިތް އެކަމަށް އޮވެގެން ނޫންގޮތަކަށް، އެންމެ ފުރިހަމަ ގޮތުގައި ނުކުރެވޭނެ ކަމެއް ކަމަށެވެ.
ފަނޑިޔާރުންނަކީ ޤާނޫނުތަކަށް އަހުލުވެރި އެހެނިހެން ގައުމުތަކުގެ ޝަރުއީ ނިޒާމުތައް ދިރާސާކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް ރިޒާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވީ ފަނޑިޔާރުންގެ އަހުލާގާއި ސުލޫކު ހުންނަންވާނީ، ކޯޓު ތެރޭގައިވެސް އަދި ކޯޓުން ބޭރުގައިވެސް ވަރަށް ހަރުދަނާ އުސޫލުތަކެއް މަތީގައި ކަމަށެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން ރިޒާ ވިދާޅުވީ، ކޯޓުތަކުގެ ނުނިމި 8000 އަށްވުރެ ގިނަ މައްސަލަ އެބަހުރި ކަމަށެވެ. އަދި ވަރަށް ދުވަސްވީ މައްސަލަތައް ސުޕްރީމް ކޯޓުގައިވެސް ހުރިކަން ފާހަގަކުރެއްވި އެވެ. ރިޒާ ވިދާޅުވީ މައްސަލަތައް އަވަހަށް ނިންމުމަށް އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި އެއް ރޫހެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މައްސަލަތައް އަވަސް ކުރެވޭނީ ހަމައެކަނި ކޯޓުތަކުގެ މަސައްކަތުން ނޫންކަން ފާހަގަކޮސް ރިޒާ ވިދާޅުވީ، މައްސަލަތައް ނިންމުމަށް ހުރިހާ ފަރާތްތަކަކުންވެސް އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މެންބަރު ހުސައިން ރިޒާ އާދަމް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)
