ސުލްހައިގެ މަޝްވަރާތައް ފެެއިލްވެއްޖެނަމަ އަފްޣާނިސްތާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވަޖާ މުހައްމަދު އާސިފް ދީފި އެވެ.
އަފްޣާނިސްތާނާއި ޕާކިސްތާނުން ހަމަލާތައް ބަދަލުކުރުމަށްފަހު، ހަމަލާތައް ހުއްޓާލާ މަޝްވަރާތައް ފަށާފައިވަނީ ޤަތަރު އަދި ތުރުކީއިން ކުރި މަސައްކަތުންނެވެ. ތުރުކީގެ އިސްތަންބޫލުގައި އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސުލްހައިގެ މަޝްވަރާތައް އިއްޔެ ކުރިއަށްގެންދިޔައިރު، މިއަދުވެސް އެ މަޝްވަރާތައް ކުރިއަށްދާނެ އެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ، ސުލްހައިގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އަފްޣާނިސްތާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި، ނަމަވެސް އަފްޣާނިސްތާނުންވެސް ސުލްހަ ބޭނުންވާކަން މިހާރު ހާމަވާ ކަމަށެވެ. އަފްޣާނިސްތާނާއި ޕާކިސްތާނުގެ މައްސަލައިގައި ތުރުކީގައި ކުރިއަށްދާ މަޝްވަރާތަކުގައި ދާއިމީ ހައްލެއް މި މައްސަލައަށްލިބޭނެ ކަމަށް ބެލެވޭ ކަމަށް ބެރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ބޭރުގެ މީޑިއާތަކަށް ވިދާޅުވީ، މި މަޝްވަރާތަކުގައި، އަފްޣާނިސްތާނުން ޕާކިސްތާނަށް އަންނަ ޓެރަރިޒަމްގެ ހަމަލާތަކާއި ނުރައްކާތަކަށް ހައްލެއް ހޯދަންޖެހޭނެ ކަމަށެވެ.
ޕާކިސްތާނުން ވަނީ، ޕާކިސްތާނީ ތާލިބާން (ޓީޓީޕީ) ވެސް ހިމެނޭ ގޮތަށް، އަފްޣާނިސްތާނުން ޓެރަރިސްޓު ގްރޫޕުތަކަށް އިމާޔަތް ދޭކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އަފްޣާނިސްތާނުން މި ތުހުމަތުތައް ދޮގުކޮށްފައިވާއިރު، އަސްކަރީ އަމަލާތަކެއް ދީގެން ޕާކިސްތާނުން އަފްޣާނިސްތާނުގެ ސިޔާދަތަށް އަރައިގަންނަ ކަމަށް އަފްޣާނިސްތާނުން ތުހުމަތުކޮށްފައިވެ އެވެ.
އަފްޣާނިސްތާން އަދި ޕާކިސްތާނުގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައިވަނީ މި މަހު ކުރީކޮޅު އެވެ. އެގޮތުން ދެ ގައުމު ގުޅޭ ބޯޑަރު ކައިރީގައި ވައިގެމަގުންނާއި އެއްގަމުންމަގުން ހަމަލާތައް ބަދަލުކޮށްފައިވެ އެވެ.


