އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުދޫ-މީދޫ ދެމެދު އަޅަން ނިންމާފައިވާ ބްރިޖުގެ ކޮންސަލްޓަންސީގެ މަސައްކަތް، ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޓީވައި ލިން އިންޓަނޭޝަލްއާ މިއަދު ހަވާލުކޮށްފި އެވެ.
މި މަސައްކަތާ ގުޅޭ އެއްބަސްވުމުގައި، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ކޮންސްޓްރަކްޝަން މިނިސްޓްރީގެ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާގެ ޓީވައި ލިން އިންޓަނޭޝަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ޒިއާހޫ އެވެ.
މި މަސައްކަތް ހަވާލުކުރީ 1،025،000 (އެއް މިލިއަން ފަންސަވީސް ހާސް) ޑޮލަރަށެވެ. މަސައްކަތް ހަވާލުކޮށްފަވަނީ 6 މަސް ދުވަހުން ނިންމާގޮތަށެވެ.
މި އެއްބަސްވުމުގެ ދަށުން، ކޮންސަލްޓަންސީ މަސައްކަތާ އެކު، ބްރިޖުގެ ސާވޭއާއި ޑިޒައިން ހެދުމުގެ އިތުރުން ބްރިޖާ ގުޅޭ ހުރިހާ ޓެކްނިކަލް މަސައްކަތްތައް ވެސް އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މިނިސްޓަރު މުއްތޮލިބްއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި ދިރާސާތައް ހެދި، ޑިޓެއިލް ކުރެހުންތައް ތައްޔާރުކުރެވުމާއެކު ފައިނޭންސް އަދި ކޮންޓްރެކްޓް ކުރާނެ ފަރާތެއް ހަމަޖެއްސުމަށް ބޮޑު ފަސޭހައަކަށްވާނެ ކަމަށެވެ. އަދި އެ މަސައްކަތްތަކަށް ކުންފުންޏެއް ހަމަޖެހޭހާ އަވަހަށް ޢަމަލީ މަސައްކަތް ފަށައިގަންނަން ފަސޭހަވާނެ ކަމަށެވެ.
އޭގެއިތުރުން މި ރަސްމިއްޔާތުގައި މިދިޔަ އަހަރު މިސްރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ސާވޭއާ ގުޅޭގޮތުން މިނިސްޓަރު ވާހަކަދެއްކެވިކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވެ އެވެ. އެގޮތުން ވަޒީރު ވިދާޅުވިކަމަށް ދައުލަތުގެ މީޑިއާއިން ބުުނެފައިވަނީ އޭރު މަސައްކަތް ހަވާލުކުރީ ފައިނޭންސް އަދި ކޮންސްޓްރަކްޝަންވެސް ހިމެނޭގޮތަށް ކަމަށެވެ. ނަމަވެސް ސަވޭ ނިންމާ، އެ ކުންފުންޏަށް ޕްރޮޕޯސަލަކާހަމައަށް އައިސް މަސައްކަތް ފެށޭވަރަށް މާލީ ކަންކަން ހަމަޖައްސާ މަސައްކަތް ކުރިއަށްގެންދެވިފައި ނުވާކަމަށެވެ. މިމަސައްކަތުގެ ކޮންސަލްޓަންސީ އެހެން ކުންފުންޏަކާ ހަވާލުކުރަންޖެހުނީ އެ ސަބަބަށްޓަކާކަމަށެވެ.
މި ބްރިޖަކީ ދިގުމިނުގައި 13 އާއި 15 ކިލޯ މީޓަރު ދެމެދު ހުންނަ ބްރިޖެކެވެ. މި ބްރިޖުގެ މަސައްކަތް ނިމުމުން މިއީ މުޅި ރާއްޖޭގައި އަޅާ އެންމެ ދިގު ބްރިޖަށް ވެގެންދާނެ އެވެ. ސިނަމާލެ ބްރިޖުގައި 1.3 ކިލޯ މީޓަރުގެ ދިގުމިނެއް ހުންނަ އިރު މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ.
އައްޑޫ ބްރިޖަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން މާލެ ސަރަހައްދުން ބޭރުގައި ވެ ވަޑައިގެންނެވި އެންމެ ބޮޑު ވައުދުފުޅެވެ.
ރާއްޖެ - ޗައިނާ އައްޑޫ ބްރިޖް އައްޑޫ ސިޓީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
