ފެމިލީ ކޯޓުގެ ގާޒީ ކަމަށް ދެ ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވަނީ، ފެމެލީ ކޯޓުގެ ޤާޒީކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އެރުވި ލ.މާބައިދޫ ހަވީރީމަންޒިލް / އަލްއުސްތާޛު އަހްމަދު މައުސޫމް އަދި ރ.ހުޅުދުއްފާރު އިލާޒާ / އަލްއުސްތާޛު މުހައްމަދު ޒާހިދު ފެމެލީ ކޯޓުގެ ޤާޒީކަމަށް އައްޔަންކުރުމަށް އިއްޔެ އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމި ކަމަށެވެ.
މި ދެ ބޭފުޅުން ފެމިލީ ކޯޓުގެ ގާޒީކަމުގެ ހުވާ ކުރެއްވީ އިއްޔެ އެކަމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އެވެ.
ފެމިލީ ކޯޓުގެ ގާޒީގެ މަގާމަށް އައްޔަނުކުރެއްވި އަހްމަދު މައުސޫމް 2020 ޖަނަވަރީ 21 އިން ފެށިގެން ހުންނެވީ ފެމެލީ ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގަ އެވެ. މައުސޫމް ވަނީ އަލް އަޒްހަރު ޔުނިވަރސިޓީ އިން ބެޗެލަރ އޮފް އާޓްސް އިން ސޯޝަލް ސަރވިސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ބެޗެލަރސް އޮފް ޝަރީއާ ވިތް އޮނަރސް އަދި ވިލާ ކޮލެޖް އިން ޕޯސްޓް ގްރެޖުއޭޓް ސަރޓިފިކެޓް އިން ޝަރީއާ އެންޑް ލޯ އަދި މާސްޓަރ އޮފް ޝަރީއާ ހާސިލް ކުރައްވާފަ އެވެ.
މީގެއިތުރުން ގާޒީ ކަމަށް އައްޔަނުކުރެއްވި ޒާހިދުއަކީ އަލް އަޒްހަރު ޔުނިވަރސިޓީއިން ބެޗެލަރ އޮފް އާޓްސް އިން ޝަރީއާ އެންޑް ލޯ އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ފޮލިސީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޒާހިދު ވަނީ ޑެޕިއުޓީ ސްޓޭޓް އެޓާރނީ އެއްގެ ގޮތުގައި 2011 ޖޫން 22 އިން 2013 އޮގަސްޓް 14 އަށް އަދި ޕްރިންސިޕަލް ކައުންސެލްގެ ގޮތުގައި 2016 އޮގަސްޓް 11 އިން 2018 ނޮވެންބަރު 17 އަށް އެޓަރނީ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރައްވާފަ އެވެ. އަދި ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ހައިސިއްޔަތުން 2013 އޮގަސްޓް 15 އިން 2016 މާރިޗު 08 އަށް ފަނޑިޔާރުކަން ކުރައްވާފައިވެސްވެ އެވެ.



