ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ދެ މައްސަލައެއްގައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ސަސްޕެންޑްކޮށްފި އެވެ.

ޖޭއެސްސީން އޭނާ ސަސްޕެންޑްކުރީ ފަނޑިޔާރަކު ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ސަސްޕެންޑްކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި މަރުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ ބަންދާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެންނެވެ. އެގޮތުން، އީރާނު ބޯޓަކުން ރާއްޖެއަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި އަލީ އަންވަރު މުހައްމަދު މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި މިދިޔަ ހަފްތާގައި ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖެހި އެވެ. އެހެންނަމަވެސް އެ މުއްދަތު ހަމަވާތީ މިދިޔަ ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތަކާނުލައި އޭނާ ވަނީ ދޫކޮށްލާފަ އެވެ.

މީގެއިތުރުން، އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް 2021 ވަނަ އަހަރު މަރާލި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ލަމްހާ މީގެ ކުރިން ވެސް ދެ ފަހަރަކު ބަންދުން ދޫކޮށްލައިފަ އެވެ. މި މަހުގެ ކުރީކޮޅު ވެސް އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އެ ނިންމުން ވެސް ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން މި ފަހަރު ވެސް ވަނީ ބަންދާ މެދު އަލުން ގޮތެއް ނިންމަން އަމުރުކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން 2019 ގައި ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގަތް ފާއިޒް މީގެ ކުރިން، 2021 ވަނަ އަހަރު ވެސް ސަސްޕެންޑްކުރި އެވެ.

ކްރިމިނަލް ކޯޓު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ