އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާ ގުޅޭ ގޮތުން އެކުލަވާލި ކަމަށް ބުނާ ރިޕޯޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނިކޮށް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އޭނާ މިއަދު ވަކިކޮށްފިއެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވި ގޮތުގައި، މާލިއްޔަތު ކޮމިޓީގައި ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަނާން މުހައްމަދު ރަޝީދު ވަނީ ހަމަޖައްސާފައެވެ. އަދި ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީގައި ޕީއެންސީ ތަމްސީލު ކުރައްވާ އިބްރާހިމް ދީދީގެ ބަދަލުގައި އެ ކޮމިޓީއަށް ޝުޖާއު ވަނީ ހަމަޖައްސާފައެވެ.
ޓުވިޓާގައި ’ހަސަން ކުރުސީ‘ ގެ ނަމުގައި ހިންގާ އެކައުންޓަކުން ލީކުކޮށްލާފައިވާ ރިޕޯޓުގެ ސައްހަކަން އެމްއެމްއޭ އިން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން އިއްޔެ ވަނީ ހާމަކޮށްފައެވެ.
ލީކުވެފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެންބަރު 1 އިން 2024 ވަނަ އަހަރުގެ ޖަނަވަރީ 10 އާ ދެމެދު ޝުޖާއުގެ ކުންފުނިތަކުން 42 މިލިއަން ރުފިޔާގެ މުއާމަލާތްތަކެއް ހިންގާފައިވެއެވެ. އެހެންނަމަވެސް، މި ރިޕޯޓާ ގުޅޭގޮތުން ޝުޖާއު ވިދާޅުވެފައިވަނީ އޭގެ ސައްހަކަން ކަށަވަރުނުވާ ކަމަށާއި، އެއްވެސް އިދާރާއަކުން މިކަމާ ގުޅޭ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވަނިކޮށް އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް އިއްޔެ ވަނީ މަގާމުން ދުރުކޮށްފައެވެ. އަދި އޭނާގެ ބަދަލުގައި އިސްމާއިލް ސާޖިދު ވަނީ އެ މަގާމަށް އައްޔަންކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް ކޮންގްރެސް ޕާޓީ އިބްރާހިމް ޝުޖާއު މާލިއްޔަތު ކޮމެޓީ