ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރަމުންދާ 4000 ފްލެޓްގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކުރީ ސަރުކާރުން ނުކުރަން ނިންމި މަސައްކަތްތައް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ އެމްޑީ ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
ހަމްދާން ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 4000 ފްލެޓްގެ މަސައްކަތް ޖުމުލަ ގޮތެއްގައި ނިމިފައިވާ ކަމަށެވެ. ބާކީ ހުރީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ހުއްދަތަކާއި ގުޅޭ މަސައްކަތްތައްކަމަށް ވިދާޅުވި އެވެ.
ހަމްދާން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޖިނެއަރިން، ޕްރޮކިއުމަންޓް އަދި ކޮންސްޓްރަކްޝަން ގައި ސޮއިކުރިއެރު ބައެއް ކަންކަން އުނިކޮށްފައިހުރި ކަމަށެވެ. އަދި މިހާރު ކުރެވެމުންދަނީ އޭރު ނުކުރަން ނިންމި މަސައްކަތްތައްކަމަށް ވިދާޅުވި އެވެ.
މަސައްކަތުގައި ސޮއިކުރުމުގެ ކުރިން އުނިކުރި ކަންކަމުގެ ތެރޭގައި، ސީސީޓީވީ ނެޓްވޯކް، ގާބެޖް ޝޫޓް، ބޫމް ގޭޓް، ފީޑަރ ކޭބަލް އަދި ޓްރާންސްފޯމާ ކަނެކްޝަން، އެމްޑަބްލިއުއެސްސީ ސޫއެޖް ކަނެކްޝަން، އެމްޑަބްލިއުއެސްސީ މެއިންލޭން ކަނެކްޝަން، އެކްސްޓާނަލް ގޭޓްސް އަދި އިންޓަނެޓާއި މީޑީއާނެޓް ސިސްޓަމް ހިމެނެ އެވެ.
ހަމްދާން ވިދާޅުވީ މީގެން ބައެއްކަންކަމާ ނުލައި އިމާރާތަށް ފެން، ކަރަންޓު އަދި އިންޓަނެޓްގެ ހިދުމަތް ނުލިބޭނެ ކަމަށެވެ.
މިހާރު މި މަސައްކަތްތައް މި ސަރުކާރުން ފަށައި ބާރު ސްޕީޑުގައި ކުރެވެމުންދާ ކަމަށްވެސް ހަމްދާން ޝަކީލް ވިދާޅުވި އެވެ.
ހަމްދާން ޝަކީލް ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް
