ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސޯބިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތް އަރުވައިފި އެވެ.
ސޯބިރަށް ”ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން“ އެރުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި އިއްޒަތާއި ސޯބިރުގެ އާއިލާގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ ސޯބިރުގެ ދަރިކަނބަލުން އައިޝަތު ރާނިޔާ ސޯބިރެވެ. ސޯބިރަށް މި އިއްޒަތް އަރުވާފައިވަނީ ދިވެހި ޤައުމުގެ އިޤުތިޞާދާ ބެހޭ ހުރިހާ ދާއިރާއަކުން ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ސޯބިރު ދިވެހި ދައުލަތަށް ހިދުމަތްކޮށްދެއްވި ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެ އެވެ. އަދި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ޚާރިޖީ ދާއިރާގައި އެ މަނިކުފާނު ކުރައްވައިފައިވާ އަގުހުރި ޚިދުމަތްތަކާއި، މިހާރުވެސް އެ ދާއިރާގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެ އެވެ.
ސޯބިރު، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވީ، 7 ފެބުރުވަރީ 1973 ގަ އެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް ހެލްތުގެ އިނގިރޭސި ކާތިބު ކަމުގެ ވަޒީފާ އެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ޔުނައިޓެޑް ނޭޝަންސް ޑިވިޝަންގެ އިނގިރޭސި ސެކްރެޓެރީކަން ކުރެއްވި އެވެ. އަދި މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީގެ އެކައުންޓެންޓް ކަމުގެ ވަޒީފާވެސް އަދާ ކުރައްވާފައިވެ އެވެ.
11 ނޮވެންބަރު 1978 ގައި ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އުފެއްދެވި ”ނޭޝަނަލް ޕްލޭނިންގ އޭޖެންސީ“އަށް ޤާބިލު މީހުން ހަމަޖެއްސެވުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވިއެވެ. އެގޮތުން، އެ އެޖެންސީގެ ސްޓެޓިސްޓިކަލް ސަރވޭ އޮފިސަރުގެ މަގާމަށް ސީބިރު ހަމަޖެއްސެވީ، 16 ޑިސެންބަރު 1978 ގައެވެ.
ނޭޝަނަލް ޕްލޭނިންގ އޭޖެންސީ އުވައިލައްވައި، 10 ނޮވެންބަރު 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، އެ މިނިސްޓްރީގެ ވަކީލު ކަމުގެ މަގާމަށް ސޯބިރު ހަމަޖެއްސެވި އެވެ. އޭގެފަހުން، އެ މިނިސްޓްރީގެ ސީނިއަރ އަންޑަރ ސެކްރެޓެރީގެ މަގާމާއި، ޑިރެކްޓަރ އޮފް ސްޓެޓިސްޓިކަލް ސަރވިސަސްގެ މަގާމު ފުރުއްވި އެވެ. އަދި 27 މާރިޗު 1991 ގައި މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓްގެ ނާއިބު ކަމުގެ މަގާމަށް ސޯބިރު ޢައްޔަން ކުރެއްވި އެވެ. އޭގެފަހުން، އެ މަނިކުފާނު 26 އޮގަސްޓު 1993 ގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ނާއިބު ކަމުގެ މަގާމަށް ބަދަލުކުރެއްވި އެވެ.
ސޯބިރު ވަނީ 1993 ވަނަ އަހަރުން ފެށިގެން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަގާމު ފުރުއްވާފަ އެވެ. އެ މަގާމުގައި ދައުރެއް ފުރިހަމަ ކުރެއްވުމަށްފަހު ޖެހިގެން ދައުރުގައި 1998 ވަނަ ސޯބިރު އައްޔަން ކުރެވުނީ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމަށެވެ. އޭރުގެ ރައީސް މައުމޫން ވަނީ ޖެހިގެން އައި ދައުރުގައިވެސް ހަމަ އެ މަގާމަށް ސޯބިރު އައްޔަން ކުރައްވާފަ އެވެ. އެންމެ ގިނަ ދުވަހު އެ މަގާމު އަދާކުރެއްވި ބޭފުޅަކީ، ސޯބިރުކަން ފާހަގަކޮށްލަން ޖެހެ އެވެ.
ޙަސަން ޞާބިރަކީ، ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 24 ފެބުރުވަރީ 2000 އިން 27 ފެބުރުވަރީ 2005 ގެ ނިޔަލަށް ކުރައްވައިފައިވާ ބޭފުޅެކެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރެއްވުމަށްފަހު، ސޯބިރުގެ ޚިދުމަތް، އޭގެފަހުން ފެނިގެންދިޔައީ، ރާއްޖޭގެ ޚާރިޖީ ދާއިރާއިންނެވެ. އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް 24 އޮކްޓޫބަރު 2004 ގައި ސޯބިރު ޢައްޔަން ކުރެއްވި އެވެ. އެއަށްފަހު ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަގާމަށް 31 އޮކްޓޫބަރު 2007 ގައި ސޯބިރު ޢައްޔަން ކުރެއްވި އެވެ. އަދި ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް 5 މާރިޗު 2019 ގައި ސޯބިރު ޢައްޔަން ކުރެވުނެވެ. ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް 30 މޭ 2022 ގައި ސޯބިރު ޢައްޔަން ކުރެއްވުމާ ހަމަޔަށް، އެމަނިކުފާނު ހުންނެވީ ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުގަ އެވެ.
17 ނޮވެންބަރު 2023 ގައި އުފެދުނު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައިވެސް ސޯބިރަކީ، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރެވެ. ސޯބިރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 38 އަހަރު ވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިވަން ދުވަސް