އއ. މާޅޮސް ފަޅުތެރޭގައި އޮތް ދޯންޏަކުން އެއްޗެއް ގޮވުމުގެ ސަބަބުން ދެ ބިދޭސީއަކަށް ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، މި ހާދިސާ ރިޕޯޓް ކޮށްފައި ވަނި، މިރޭ 20:45 އެހާކަންހާއިރު ކަމަށެވެ.
އެ ދެ ބިދޭސީން ފިހިގެން މާޅޮސް ހެލްތް ސެންޓަރގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާދިނުމަށްޓަކައި މާލެއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މާޅޮހަކީ ގިނަ އަދަދެއްގެ ފުލުހުން މިވަގުތު ހަރަކާތްތެރިވަމުން އަންނަ ރަށެކެވެ. އެއީ މިމަހުގެ 13 ވަނަ ދުވަހު އަނިޔާވެރިގޮތަކަށް މަރާލެވުނު އަބްދުއްރަހުމާން އާދަމްގެ މަރުގެ ތަހުޤީޤްއަށެވެ.