ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ދިވެހި ރައްޔިތުންނަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
ސަފީރު މި މަރުހަބާ ދެންނެވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ސަފީރުގެ ޕޯސްޓުގައި، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ފަޚުރުވެރި ތާރީޚަށް އިޙްތިރާމް އަދާކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ދިވެހި ތާރީޚު ދިރާސާކުރެއްވުމުގައި، 16 ވަނަ ގަރުނުގައި 15 އަހަރު ދުވަހުގެ ޕޯޗުގީޒުންގެ އިސްތިއުމާރީ ވެރިކަމާ ދެކޮޅަށް ދިވެހިން ކުރި ހަނގުރާމައިން ވަރަށް ބޮޑު އަސަރެއް ކުރެއްވި ކަމަށާއި، މިއީ ދިވެހިންގެ ހިތްވަރާއި ކެރުންތެރިކަމުގެ ދާއިމީ ހެއްކެއް ކަމުގައި ވިދާޅުވެފައިވެ އެވެ.
ހުރިހާ ޤައުމުތަކަކީވެސް، އެ ޤައުމެއްގެ ބޮޑުކުޑަމިނާއި، ބާރުގަދަކަމާއި، މުއްސަނދިކަމަށް ބެލުމެއްނެތި، ބައިނަލްއަޤްވާމީ މުޖުތަމައުގެ ހަމަހަމަ މެންބަރުން ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދެކި ވަޑައިގަންނަވާކަން ސަފީރު ފާހަގަކުރައްވާފައިވެ އެވެ.
މީގެއިތުރުން، ދިވެހިރާއްޖެއަށް އެންމެ އެކަށޭނަ ތަރައްޤީގެ މަގެއް ހޯދުމުގައި ޗައިނާއިން ދިވެހިރާއްޖެއަށް އިޙްތިރާމްކޮށް އެހީތެރިވާނެ ކަމަށާއި، ޤައުމު ބިނާކުރުމާއި އިޖްތިމާއީ-އިޤްތިޞާދީ ތަރައްޤީގައި ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ތަޢުރީފުކުރާ ކަމަށްވެސް ސަފީރު ވިދާޅުވެފައިވެ އެވެ.
ސަފީރުގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ މިނިވަންކަމާއި، އިސްތިޤްލާލާއި، ސަރަޙައްދީ ސަލާމަތާއި، ޤައުމީ ޢިއްޒަތް ރައްކާތެރިކުރުމުގައި ދިވެހިރާއްޖެއަށް ޗައިނާއިން ދޭ އެހީތެރިކަން ދެމެހެއްޓުމަށް އަޒުމް ކަނޑައަޅުއްވާ، ދެ ޤައުމުގެ ރަޙްމަތްތެރިކަން އިތުރަށް ކުރިއަރައި، ދިވެހިރާއްޖޭގެ މުސްތަޤްބަލް އަބަދުވެސް އުޖާލާވެގެންދާނެ ކަމުގެ އުންމީދު ފާޅުކުރައްވަމުންނެވެ.
ރާއްޖެ - ޗައިނާ މިނިވަން ދުވަސް ޗައިނާ ސަފީރު ކޮންގ ޝިއަންހުއާ
