ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން މިހާރު ވަނީ އެންމެ އުހުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ޝިންހުއާ ނިއުސް އެޖެންސީއަށް ލިޔުމުން ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ދެ ޤައުމަށް ވެސް އުޖާލާ މުސްތަޤުބަލެއް ހޯދުމަށް، އެއްބައިވަންތަ މުޖުތަމަޢެއް ބިނާކުރުމަށް ޗައިނާއާއެކު ގާތުން މަސައްކަތް ކުރިއަށް ގެންދިއުމަށް ރާއްޖެއިން ބޭނުންވާ ކަމަށެވެ. ޗައިނާއަކީ ރާއްޖޭގެ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން ދެ ފަރާތަށް ވެސް ވަރަށް ފައިދާކުރާ ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ޗައިނާގެ އެހީގައި ހަދާފައިވާ ބިނާތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުންތައް ކުރިން ލަފާނުކުރާ މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިޤްތިޞާދީ، ސިޔާސީ އަދި އިޖުތިމާޢީ ހުރިހާ ދާއިރާއަކަށް ފުޅާ އަސަރުތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުންނަ ހުޅުލެއާއި މާލެ ސިޓީ ގުޅުވައިދިން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޗައިނާގެ ދީލަތިކަމާއި ރާއްޖޭގެ ރައްޔިތުންނަށް ދީފައިވާ އެހީތެރިކަމުގެ އެތައް މިސާލެއް ފެންނަން އެބަހުރި ކަމަށެވެ.

ރައީސް މުޢިއްޒުގެ ވިދާޅުވި ގޮތުގައި އެކި ދާއިރާތަކުން ޗައިނާއަކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާރު ދެ ޤައުމުން ވެސް ދަނީ ވިޔަފާރިއާއި ކޮމާސް، ދަނޑުވެރިކަން، މަސްވެރިކަން، ޞިއްޙަތު، ޓެލެކޮމިއުނިކޭޝަން، ތަޢުލީމު، ޑިޖިޓަލް އިޤްތިޞާދު އަދި ބިނާވެށި ތަރައްޤީކުރުމުގެ ދާއިރާތަކުން ގުޅުން ބަދަހިކުރުން އަވަސްކުރަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި އަހަރުގެ ކުރީކޮޅު ޢަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުން (ފްރީ ޓްރޭޑް އެގްރީމަންޓް) އިން ދެ ޤައުމުގެ ވިޔަފާރީގެ ހަރަކާތްތައް ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި، މިއީ ކުރިއަށް އޮތްތަނުގައި އިތުރަށް ކުރިއަރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ ރާއްޖެ-ޗައިނާ ގުޅުން ބިނާވެފައިވަނީ އަބަދުވެސް ރަޙްމަތްތެރިކަމާއި އެއްބާރުލުން، އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ އިޙްތިރާމާއި އެއްބަސްވުމުގެ މައްޗަށް ކަމުގައި ފާހަގަކުރައްވާފަ އެވެ. ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޤައުމު ކަމުގައިވީ ނަމަވެސް، އަދި ރާއްޖެއަކީ އެންމެ ކުދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ނަމަވެސް، ޗައިނާއިން އަބަދުވެސް ރާއްޖެއަށް އިޙްތިރާމާއި ޤަދަރު ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ޢާންމު މަޞްލަޙަތު ހިމެނޭ ކަންކަމުގައި ދެ ޤައުމުގެ ޢާންމު އަގުތަކާއި ނަޒަރިއްޔާތައް ދަމަހައްޓައި، ދެ ޤައުމުގެ މުސްތަޤުބަލަށް މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް މުޢިއްޒު ވަނީ ’ވަން ޗައިނާ‘ ސިޔާސަތަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރނެ ކަމަށާއި، ދެ ޤައުމުގެ ޢާންމު މަޞްލަޙަތު ހިމެނޭ ކަންކަމުގައި ޗައިނާއާއެކު މަޝްވަރާކޮށް، އެއްބާރުލުން ދިނުން ކުރިއަށް ގެންދާނެ ކަމަށް ޔަޤީންކަން ދެއްވާފަ އެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޗައިނާއިން ދައްކާ އިސްކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް، ބޮޑެތި އިޤްތިޞާދުތަކުން މިފަދަ އިސްކަން ދިނުމަކީ އުންމީދާއި ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހު ރައީސް މުޢިއްޒު ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި އެ ޤައުމުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި މީޭގެކުރިން ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ގެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި އެވެ. ރައީސް ވިދާޅުވީ، އެސް.ސީ.އޯގެ ވިސްނުންތަކާއި އަމާޒުތަކަށް ރާއްޖެއިން ފުރިހަމައަށް ތަބާވާ ކަމަށާއި، މެމްބަރު ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ، ސަގާފީ އަދި ސަރަޙައްދީ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެސް.ސީ.އޯ އަކީ ޢަދުލުވެރި، ހަމަހަމަ އަދި ގްލޯބަލް ސައުތު ތަމްސީލުކުރާ ބައިނަލްއަޤްވާމީ ނިޒާމެއް ކުރިއެރުވުމަށް އޮތް މުހިންމު މަންސައެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޗައިނާ
