މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް އޮޅުހިޔާއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަރަންޓީން ކުރާބައިގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް އެގްރިކަލްޗަރ މިނިސްޓްރީން ފަށައިފިއެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި މިވަގުތު ކަރަންޓީނުގައި ތިބީ އެންމެ ފަހުން މަގުމަތިން ނެގި 28 ބުޅާއެވެ. އަދި ބުޅާތައް ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު، ކަރަންޓީނު ކުރުމަށް އިތުރު ޖާގައިގެ ބޭނުން ޖެހިފައިވާތީ، އިތުރު 70 ކޭޖު ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިނިސްޓްރީން ފާހަގަކުރިގޮތުގައި މަގުމަތިން ގެންނަ ބުޅާތަކަކީ އެކި ބަލިތަކާއި ރޯގާތައް ޖެހި، އަދި އެކި ވަރުގެ އަނިޔާތައް ލިބިފައި ތިބޭ ބުޅާތަކަކަށް ވުމުން، އާންމު ބަޔަށް ލުމުގެ ކުރިން ކަރަންޓީނުގެ ގިނަ މަރުހަލާތަކެއް ކަޑައްތުކުރަން ޖެހެއެވެ. މި މަރުހަލާތައް ކަޑައްތުކޮށް، އާންމު ބަޔަށް ބުޅާތައް ބަދަލުކުރެވޭ މިންވަރަކުން މާލެތެރެއިން އިތުރު ބުޅާތައް ގެނެވޭނެއެވެ.
މިނިސްޓްރީގެ އަމާޒަކީ ހަމައެކަނި ބުޅާތައް ގެނެސް ކޮށިތަކަށް އަޅާލުމެއް ނޫނެވެ. އޭގެ ބަދަލުގައި އެސޮރުމެންނަށް ލިބެންޖެހޭ އަޅާލުމާއި ބޭސްފަރުވާވެސް ފުރިހަމަކޮށް، އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމެވެ.
އޮޅުހިޔާގެ ކަރަންޓީން ކުރާ ބައިގެ ޖާގަ އިތުރުކުރުމުން އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. މިއީ މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް އެކަށީގެންވާ ފަރުވާއެއް ދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
އޮޅުހިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
