އިނގެރޭސީންނަކީ ރާއްޖޭގެ އިޤްތިސާދުގެ މުހިންމު ބައިވެރިއެއް، އިންވެސްޓްކުރަން އިތުރު ފުރުސަތުތައްވެސް އެބަހުރި: ރައީސް

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި، ދެމެހެއްޓެނިވި އަދި ތަފާތު ދާއިރާތަކަށް އަމާޒުކުރެވިފައިވާ އިޤްތިޞާދަކަށް ބަދަލުކުރުމުގައި، އިނގެރޭސި ވިޔަފާރިތަކަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިނގެރޭސިވިލާތަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ބުރާސްފަތި ދުވަހު ބޭއްވުނު ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައެވެ. ރައީސް ޑރ. މުޢިއްޒު ވަނީ، ދިވެހިރާއްޖެއާއި ޔޫކޭއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރެން އުޅޭއިރު، ދެ ޤައުމުގެ ދެމެދުގައި ވަރުގަދަ ގުޅުމެއް، ޚާއްޞަކޮށް ވިޔަފާރިއާއި އިޤްތިޞާދީ އެއްބާރުލުމުގެ ދާއިރާތަކުގައި އޮތްކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ދެ މައި ޞިނާޢަތް ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަން ތަރައްޤީކުރުމުގައި އިނގެރޭސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މި ދެ ޞިނާޢަތަކީވެސް ދިވެހިރާއްޖެއަށް ފައިދާހުރި ދާއިރާތަކެކެވެ. ރައީސް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު އެކަނި ވެސް 180،000 އަށްވުރެ ގިނަ ފަތުރުވެރިން އިނގެރޭސިވިލާތުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، އިނގެރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓްތަކުގެ ތެރެއިން އެއް މާކެޓް ކަމުގައި ދެމިއޮތެވެ.

ރައީސް ވަނީ އިނގެރޭސި އަދި ބައިނަލްއަޤްވާމީ ވިޔަފާރިތަކަށް ދަޢުވަތު ދެއްވައި، މިހާރު ދިވެހިރާއްޖެއިން ހާސިލުކުރަމުންދާ ތަރައްޤީގައި ބައިވެރިވެ، ދިވެހިރާއްޖޭގައި އިތުރުވަމުންދާ އިޤްތިޞާދީ ފުރުޞަތުތަކުގައި އިންވެސްޓްކުރުމަށް ބާރުއަޅުއްވާފައެވެ. އަދި މަސްވެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން، އައު އީޖާދުތަކަށްވެސް ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފުރުޞަތު އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ކުރިމަގުގައި ދިވެހިރާއްޖެ ތަރައްޤީ ކުރަންޖެހޭ ގިނަ ދާއިރާތަކެއްގައި ފުރުޞަތުތައް އެބަހުރި. މީގެ ތެރޭގައި ކްރިއޭޓިވް އިންޑަސްޓްރީ، އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުން، އިންސާނީ ވަސީލަތްތައް އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން ހިމެނޭ. މި ދަތުރުގައި ބައިވެރިވުމަށް އަޅުގަނޑު ވިޔަފާރިތަކަށް ދަޢުވަތު އަރުވަން،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، 2030 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ކްރިއޭޓިވް އިންޑަސްޓްރީގެ ހިއްސާ ޤައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) 15 އިންސައްތައަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެހެންކަމުން، ކްރިއޭޓިވް އިންޑަސްޓްރީ ތަރައްޤީކުރުމަށް އިންވެސްޓްމަންޓްތަކާއި، އިންސާނީ ވަސީލަތްތަކާއި، ފުރުޞަތުތައް ތަރައްޤީކުރުމުގައި އެހީތެރިވެދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

—– އިންވެސްޓްމެންޓް ފޯރަމްގައި ރައީސް ދެއްކެވި ވާހަކަފުޅު

ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރެވެމުންދާ މަސައްކަތްތައްވެސް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ނިޒާމަކަށް ބަދަލުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ސަރުކާރުގެ ވިޝަނާއި އިންވެސްޓްމަންޓް ޕޮޓެންޝަލް އިނގެރޭސި ވިޔަފާރިތަކާ ހިއްސާކުރައްވާފައެވެ. 2028 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތަ މެދުވެރިކޮށް ކަރަންޓުގެ ޑިމާންޑް ތިން ބައިކުޅަ އެއްބައި އާބާދީއަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން މިހާރު ވެސް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން 100 މެގަވޮޓްގެ ފްލޯޓިން ސޯލާ ޕްރޮޖެކްޓަކަށް ހުއްދަ ދީފައިވާނެ ކަމަށާއި، މިއީ މި ސަރަހައްދުގައި ދިން މިކަހަލަ ފުރަތަމަ ހުއްދަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”މި މަޝްރޫއުގެ ސަބަބުން ތެޔޮ އިމްޕޯޓް ކުރުމަށް ކުރާ ހޭދައިން އެތައް މިލިއަން ޑޮލަރެއް ސަލާމަތް ކުރެވޭނެ ކަމަށް ބެލެވޭ،“ ރައީސް ވިދާޅުވިއެވެ.

އިޤްތިޞާދު ތަފާތު ދާއިރާތަކަށް އަމާޒުކުރުމުގެ މަސައްކަތުގެ ތެރެއިން، މަސްވެރިކަމުގެ ޞިނާޢަތުގައި މެރިކަލްޗަރ ފުޅާކުރުމަށް ޒަމާނީ އައު އީޖާދީ ގޮތްތައް ތަޢާރަފުކުރަން ޖެހޭކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ މައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަލަށް ތަރައްޤީކުރެވޭ ފަސިންޖަރުންގެ ޓާމިނަލްއާ އެކު ޤައުމުގެ އެއަރ ޓްރާންސްޕޯޓް އިންޑަސްޓްރީ ފުޅާވެ، ގިނަ ވިޔަފާރީގެ ފުރުޞަތުތަކެއް ލިބިގެންދާނެއެވެ. ދިވެހިރާއްޖޭގެ ކުރިމަގު ބިނާކުރުމުގައި އަމިއްލަ ވިޔަފާރީގެ ދާއިރާއިން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިނގެރޭސިވިލާތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ