އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް ނުވަތަ އިނގެރޭސިވިލާތުގެ ފޮރިން މިނިސްޓަރ އެމް.ޕީ ޑޭވިޑް ލެމީ، މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޜ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. ޚާއްޞަކޮށް މަސްވެރިކަމުގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ގޮތެއްގައި ހޭނުމުގެ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެވުނެވެ.
އިއާދަކުރަނިވި ހަކަތަ އިތުރުކުރުމާއި، ތަޢުލީމީ ދާއިރާގައި ސްކޮލަރޝިޕްގެ ފުރުޞަތުތައް އިތުރުކުރުމަކީވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ދާއިރާތަކެވެ. މީގެ އިތުރުންވެސް ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން އިތުރުކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާފައިވެއެވެ.
ބައްދަލުވުން ނިމުމުގެ ކުރިން ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެ ބޭފުޅުންވެސް ދެއްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެއްގަރުނަށްވުރެ ދިގު މުއްދަތެއްގައި ދެމިގެން އައިސްފައިވާ މި ގުޅުމަކީ ދެ ގައުމަށްވެސް ފައިދާހުރި ގުޅުމެއްގެ ގޮތުގައި ދެމިއޮތް ގުޅުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިނގެރޭސިވިލާތް
