ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންފި އެވެ.
މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައިވަނީ އިއްޔެ އެވެ.
ރައީސް މުއިއްޒު މިއަދު އިނގިރޭސިވިލާތަށް ވަޑައިގެންނެވިއިރު އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ، ގްރޭޓަރ ލަންޑަންގެ ޑެޕިއުޓީ ލެފްޓިނެންޓް މޭޖަރ ޖެރެމީ ފަރން ޓީ.ޑީ، ސްޕެޝަލް ރެޕްރެޒެންޓޭޓިވް އޮފް ހިޒް މެޖެސްޓީ ދަ ކިންގް ގޯޑަން ވެދަރެލް ސީއެމްޖީ، ސްޕެޝަލް ރެޕްރެޒެންޓޭޓިވް އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒް؛ ރިޕަބްލިކް އޮފް މޯލްޑިވްސް އަށް ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓަން އެންޑް ނޯތަން އަޔަލޭންޑްގެ ހައިކޮމިޝަނަރު ނިކޮލަސް ޑޭވިޑް ލޯ އަދި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ. އަދި މި ބައްދަލުކުރެއްވުންތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ތައުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރެވޭނެ ކަމަށްވެސް މައުލޫމާތުދީފައިވެ އެވެ.
މީގެ އިތުރުން ލަންޑަންގައި ބާއްވާ ބިޒްނަސް ފޯރަމެއްގައިވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިނގެރޭސިވިލާތް
