މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އަމާޒުކޮށް މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެއެވެ. މި ގޮތުން ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ވުނަކުރުމާއި ތަޢުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުން ދިނުމާ މެދު މަޝްވަރާކުރެވޭނެކަމަށް ވަނީ ހާމަކުރައްވާފައެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ލަންޑަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ބިޒްނަސް ފޯރަމެއްގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ފޯރަމްގައި ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް މަގުފަހިވާނެ މަޝްވަރާތަކެއް ކުރިއަށްދާނެކަމަށް ބެލެވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރަކީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރެވެ. ދެ ޤައުމުގެ މެދުގައި ރަސްމީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮންނަ އެކުވެރިކަމާއި އިޙުތިރާމާއި އިތުބާރުގެ ގުޅުން އިތުރަށް ހަރުދަނާވެ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިނގެރޭސިވިލާތް
