ފްލެޓް އެޅުމަށް މާ ގިނަ ބިމެއް ނެތް ހާލުގައިވެސް އަދި އިގްތިސޯދީ ގޮތުން ދަތި ދަނޑިވަޅެއްގައިވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގޮތް ދޫކުރުމެއް ނެތި ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހައްލު ހޯދައިދިނުމަށްކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ’އަހާ ފޯރަމް‘ ގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެކި އުސޫލުތަކުގެ ތެރެއިން އެކި ފަރާތްތަކާއެކު ހައުސިން ޕްރޮޖެކްޓްތައް ހިންގޭނެ މަގު ފަހި ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ އެގްރީމެންޓްތަކުގައިވެސް ސޮއި ކުރަމުންދާ ކަމަށެވެ. ނަމަވެސް ފްލެޓް އެޅުމަށް މާ ގިނަ ބިމެއް ނެތުމާއި އިގްތިސޯދީ ގޮތުން ދަތި ހާލަތެއްގައި އޮތުމުން ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށާއި އަދި އެއްވެސް ބޯހިޔާވަހިކަމާ ބެހޭ އާ މަޝްރޫއެއް ފެށިފައި ނުވަނީ މި ދަތިތަކާ ގުޅިގެންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެ ޗެލެންޖެސްތައް އޯވަކަމް ކޮށްގެން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، މާލެ ސަރަހައްދުގައި އުޅޭ ހުރިހާ ދިވެހި ރައްޔިތުންނަކީ ބޯހިޔާވަހިކަމުގެ ދަތިކަމުން ސަލާމަތްވެފައިވާ ބަޔަކަށް ވުމަށް މަސައްކަތް ކުރުމަކީ ސަރުކާރުން ކުރާ އެންމެ ބޮޑު މަސައްކަތް.
މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 24 ގަޑިއިރު ކަހަލަ ގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ބޭނުންވާ މިފަދަ ކަންކަން ހާސިލްކޮށްދެއްވުމަށް ކަމަށެވެ. އަދި މިނިސްޓްރީން އަންނަނީ ރައީސް މުއިއްޒު ނިންމަވާ މިފަދަ ކަންކަން ތަމްފީޒު ކުރުމަށްޓަކައި މަސައްކަތް ކުރަމުން ކަމަށާއި މިހާރު ހުރި ދަތިތަކާއެކުވެސް ކާމިޔާބަށް ވާސިލް ވެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ މި ދައުރު ނިމިގެން ދާއިރު ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ފަރާތްތަކަށް ހައްލު ހޯދައިދިނުމުގެ މަގު ފަހި ކުރެވިގެން ދާނެކަމަށް މިނިސްޓަރު މުއްތަލިބް ވަނީ ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަހާ ފޯރަމް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ



