ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގަމުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ، މިއަދު ހަވީރު 5:15 އިން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެ ތިބުމުގެ ޚިދުމަތް ގާއިމުކޮށް ނިމިފައިވާ ކަމަށެވެ.
5:15 ގައި ރ. އަތޮޅު ރަސްގަތީމުގަ އަޅުގަނޑުމެން ފުލުހުންގެ ހިދުމަތް ގާއިމު މި ކުރީ. ހުރިހާ ރަށެއްގަ ފުލުހުންގެ ހިދުމަތް މި ގާއިމު ކުރެވުނީ.
ރައީސް މުއިއްޒު ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައި، މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމު ކުރައްވާނެކަން އިއުލާން ކުރެއްވިކަން ޖަލްސާގައި ފާހަގަ ކުރައްވާފަ އެވެ.
”އޭގެ[ދިން މުއްދަތުގެ] ގާތްގަނޑަކަށް ދެ މަސް ކުރިން އެކަން[ފުލުހުންގެ ހިދުމަތް ގާއިމު ކުރުން] އަޅުގަނޑުމެންނަށް ކޮށް ނިންމިގެން މިދިޔައީ،“ ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފުލުހުންގެ އަމިއްލަ އިމާރާތެއްގައި ޚިދުމަތްދޭ އޮތީ އެންމެ 17 ރަށުގައެވެ. އަދި ދެން ހުރި ރަށްތަކުގައި ޚިދުމަތްދެނީ ކައުންސިލްތަކުންނާއި ކުއްޔަށް ނަގާފައި ހުންނަ އިމާރާތްތަކުގައި ކަމަށް ފާހަގަކުރެއްވި އެވެ. މި ހާލަތުގައި ޚިދުމަތް ދިނުމަށް ފުލުހުންނަށް ދަތިތައް ދިމާވެ، ރައްޔިތުންނަށް ވެސް އޭގެ ނިކަމެތިކަން ލިބޭ ކަމަށް ވިދާޅުވި އެވެ.
މިހާރު 63 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އިތުރު 36 ރަށުގައި އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި މަހުގެ ތެރޭގައި އިތުރު 30 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަހަރު ނިމޭއިރު ފުލުހުންގެ އާ އިމާރާތް އެޅުމުގެ 138 މަޝްރޫއެއް ހިނގަމުންދާނެ ކަމަށާއި، އަމާޒަކީ މި ދައުރު ނިމޭއިރު ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ޚިދުމަތްދެވޭ ހިސާބަށް ގެންދިޔުން ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.