އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް (65 އަހަރު) މަރާލި މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގުގެ ދަށުން އެ ރަށުގެ ހުރަސްމަތި ފަރާތް ބަލާ ފާސްކޮށްފި އެވެ.
އަބްދުއްރަހުމާން ދިރިއުޅުނު ގެ ކަމުގައިވާ މާހިޔާއާ މާ ދުރުނޫން ސަރަހައްދަށް ފުލުހުންގެ ބޮޑު ޓީމެއް އައިސް، ވަލުތެރެ އާއި އަތިރިމަތީގެ އެކި ސަރަހައްދުތައް ބަލާ ފާސްކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.
މި ސަރަހައްދު ބަލާ ފާސްކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންކަމެއް ނުވަތަ ނޫންކަމެއް ކަށަވަރެއް ނުވެ އެވެ. ފުލުހުން އަދި މިކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
އަބްދުއްރަހުމާނަށް ހަމަލާދީފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 01:00 ހާއިރު އެވެ. އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީ، ޒަހަމްކޮށްލާފައި އޮއްވާ ފެނުމުން ފުލުހުންނަށް މައްސަލަ ރިޕޯޓުކުރެވުނީ 1:50 ގައެވެ. ނަމަވެސް ރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދަނިކޮށް އެ ރޭގެ ފަތިހު އަބްދުއްރަހުމާން ވަނީ ނިޔާވެފަ އެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފައި ނުވެ އެވެ.
އއ. މާޅޮސް އަބްދުއްރަހްމާންގެ މަރު ދިވެހި ފުލުހުންގެ ޚިދުމަތް