ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާ ދިނުމަށްޓަކައި 4،055،281 ރުފިޔާ ހަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ 108 ފަރާތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް އެންސްޕާއިން ވަނީ ހަރަދުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 72 ފިރިހެނުންނާއި 36 އަންހެނުންނެވެ.
އެންސްޕާއިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު ޖުމްލަ 7 ބާވަތެއްގެ ތެރަޕީއަކަށް ވަނީ ހަރަދުކޮށްފަ އެވެ.
ތެރަޕީގެ ބާވަތްތަކާއި ހަރަދު ކުރި ވަރު:
- ބިހޭވިއާ ތެރަޕީ (ޖުމްލަ 63 ފަރާތަކަށް): 1،106،650 ރުފިޔާ
- އޮކިއުޕޭޝަނަލް ތެރަޕީ (ޖުމްލަ 72 ފަރާތަކަށް): 1،222،776 ރުފިޔާ
- ސްޕީޗް ތެރަޕީ (ޖުމްލަ 61 ފަރާތަކަށް): 1،022،420 ރުފިޔާ
- އެޑިއުކޭޝަނަލް ތެރަޕީ (ޖުމްލަ 39 ފަރާތަކަށް): 603،925 ރުފިޔާ
- ސައިކޯ ތެރަޕީ (ޖުމްލަ 4 ފަރާތަކަށް): 42،000 ރުފިޔާ
- ފިޒިއޯ ތެރަޕީ (ޖުމްލަ 2 ފަރާތަކަށް): 20،110 ރުފިޔާ
- އާލީ އިންޓަވެންޝަން (ޖުމްލަ 5 ފަރާތަކަށް): 37،400 ރުފިޔާ
އެންސްޕާގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، މިހާރު ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވަނީ 14،412 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 8،384 ފިރިހެނުންނާއި 6،028 އަންހެނުންނެވެ.
ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ. އެއީ 4،117 މީހުންނެވެ. އަދި މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ 3،224 މީހުން ދަފްތަރުގައި ހިމެނެއެވެ. އުމުރުފުރާގެ ގޮތުން ބަލާއިރު، އެންމެ ގިނައީ 18 އަހަރާއި 64 އަހަރާ ދެމެދުގެ 7،351 މީހުންނެވެ.