ޓައިމް ޔޫސް ސާވޭގެ ޕްރީޓެސްޓެއް މިއަދު މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ޕްރީޓެސްޓް ކުރިއަށްގެންދާނީ މާލެ، ހުޅުމާލެ އަދި ވިލިގިލީގައި ރެންޑަމްކޮށް ހޮވާލެވޭ ގޭބިސީތަކެއްގައި ކަމަށެވެ.
މި ޕްރީޓެސްޓުން ލިބޭ މައުލޫމާތާއި ތަޖުރިބާގެ އަލީގައި ސާވޭގެ ސުވާލުކަރުދާސް އިތުރަށް ފުރިހަމަކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ. މި ޕްރީޓެސްޓުގައި ގޭބިސީއަށް ޒިޔާރަތް ކުރާނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ސްޓާފުންގެ ޓީމަކުން ކަމަށާއި އެ މެންބަރުންގެ އަތުގައި ބިއުރޯގެ ރަސްމީ ފާސް އޮންނާނެ ކަމަށް ބުނެފައިވެ އެވެ.
ޓައިމް ޔޫސް ސާވޭއަކީ ރާއްޖޭގެ މީހުން ވަގުތު ހޭދަކުރާގޮތާއި ބެހޭގޮތުން މުހިންމު ތަފާސްހިސާބު އެއްކުރުމަށް ކުރަންޖެހޭ ވަރަށް މުހިންމު ގައުމީ ސާވޭއެކެވެ. މި ސާވޭގައި މައިގަނޑުގޮތެއްގައި މައުލޫމާތުނަގާނީ:
- 24 ގަޑިއިރު ތެރޭގައި ކުރި ކަންތައް
- އެކި ކަންތައް ކުރިއިރު ހުރި ތަން
- ކުޑަކުދިން ނުވަތަ ދުވަސްވީ މީހުން ބެލުމުގައި ހޭދަކުރި ވަގުތު
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފައިވަނީ، މި ސާވޭއިން އެއްކުރެވެ މައުލޫމާތުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި ގުޅޭ އިންޑިކޭޓަރުތައް އަދި ޓައިމް ޔޫސް ސްޓެޓިސްޓިކްސް އެކުލަވާލެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.