އަސާސީ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް ”އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް“ އެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ސަރުކާރުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކޮށް، އާންމުންނަށް ފަސޭހައިން ތަކެތި ލިބޭނެ ގޮތްތައް ފަހިކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި މިދިޔަ ދެ ރަމަޟާން މަހުގައިވެސް އާންމުންނަށް އެކަށީގެންވާ އަގުތަކެއްގައި ކާބޯތަކެތި ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ތައާރަފްކުރާ ”އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް“ ގައި 162 ބާވަތެއްގެ މުދާ ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ ތެރޭގައި ގޭބީސީތަކުން އާންމުކޮށް ކެއިން ބުއިމުގައި ބޭނުންކުރާ 111 އައިޓަމާއި، މޭވާ އަދި ތަރުކާރީގެ 39 ބާވަތާއި، މަހުގެ ބާވަތްތަކުގެ 10 އައިޓަމާއި، ހަކަތައިގެ ބާވަތްތަކުގެ 2 އައިޓަމް ހިމެނެ އެވެ. އަދި މީގެ ތެރެއިން 35 ބާވަތަކީ އޭގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންނުކުރެވޭނެ ”ކްރިޓިކަލް އައިޓަމް“ ތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށްޓަކައި ކޮންމެ ދުވަހަކުވެސް ރާއްޖޭގައި ހިންގާ ބޮޑެތި ފިހާރަތަކުގައި ތަކެތި ވިއްކާ އަގުތައް މޮނިޓަރ ކުރަމުންދެ އެވެ. އަދި ވިޔަފާރިތަކަށް ބޭންކުން ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމާއި، ބީއެމްއެލްގައި ރުޕީ އެކައުންޓްތައް ހުޅުވި، ދިވެހި ރުފިޔާ ސެޓްލްމެންޓް ހެދެން ފެށުމުން ތަކެތީގެ އަގުތަކަށް ލުއިތަކެއް އަންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މިނިސްޓަރު ސައީދު ވަނީ ރާއްޖޭގެ އިގްތިސޯދީ ހާލަތާ ބެހޭ ގޮތުންވެސް ވާހަކަ ދައްކަވާފަ އެވެ. ސައީދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ އެމްޑީޕީން ކަމަށެވެ. އެގޮތުން އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ދަރަނި 152.2 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި މިއީ ރާއްޖޭގެ ތާރީޚުގައި އޭގެ ކުރީގެ 50 އަހަރު ތެރޭގައި އުފެދިފައިވާ ދަރަންޏަށްވުރެ ބޮޑު އަދަދެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް