މާލީ ހާލަތު ދަށަށް ގޮސްފައިވަނީ ކުރީ ސަރުކާރުގެ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައިވި މާލީ ގެއްލުމުގެ ސަބަބުން ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.
އެމްއެމްޕީއާރްސީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ ރިޕޯޓާއި ގުޅިގެން މީޑިއާތަކުން ފާހަގަކޮށްފައިވާ ކަންކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
”އެމްއެމްޕީއާރްސީގެ މާލީ ގެއްލުމުގެ ހާލަތުގެ މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުގެ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ޖަމާވެފައިވާ މާލީ ގެއްލުމެވެ.“ އެމްއެމްޕީއާރްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްއެމްޕީއާރްސީން ބުނެފައިވަނީ ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މާކެޓްކުރާ ކުންފުނީގެ ހައިސިއްޔަތުން، މި ކަންބޮޑުވުންތައް ސީރިއަސްކޮށް ބަލައިގަނެ، ހާމަކަން ބޮޑުގޮތެއްގައި ޖަވާބުދާރީވަމުންގެންދާނެ ކަމަށެވެ.
ވޭތުވެދިޔަ ހަތަރު އަހަރުގެ މާލީ ރެކޯޑްތައް ދައްކާގޮތުގައި ޖުމުލަ 203.8 މިލިއަން ރުފިޔާގެ މާލީ ގެއްލުން އެމްއެމްޕީއާރްސީއަށް ވެފައިވެ އެވެ. އެމްއެމްޕީއާރްސީން ބުނެފައިވަނީ އެ ކުންފުނި މާލީ ގެއްލުމުގެ ހާލަތަކަށް ވެއްޓުނު އެންމެ މުހިންމު އެއް ސަބަބަކީ މިއީ ކަމަށެވެ.
މާލީ ގެއްލުމުގެ ތަފްސީލު:
- 2020 ވަނަ އަހަރު 1.6 މިލިއަން ރުފިޔާގެ ގެއްލުން
- 2021 ވަނަ އަހަރު 141.9 މިލިއަން ރުފިޔާގެ ގެއްލުން
- 2022 ވަނަ އަހަރު 42.2 މިލިއަން ރުފިޔާގެ ގެއްލުން
- 2023 ވަނަ އަހަރު 17.9 މިލިއަން ރުފިޔާގެ ގެއްލުން
- ޖުމުލަ 203،891،026 ރުފިޔާގެ ގެއްލުން
އެމްއެމްޕީއާރްސީން ބުނެފައިވަނީ، މި ފާއިތުވި އަހަރުގެ ތެރޭގައި އެ ކުންފުނީގެ މަސައްކަތްތަކުގެ ހިންގުން އިސްލާހުކޮށް، އިތުރަށް ހަރުދަނާކޮށް، މިހާރަށްވުރެ ރަނގަޅު މަގަކަށް ވާސިލުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
އެމްއެމްޕީއާރްސީން ވަނީ މިހާރު ހިނގަމުންދާ ހަރަދުތައް 10% ކުޑަކުރެވިފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ފުރިހަމަ އެސެސްމެންޓެއް ހަދައި، ޕާފޯމަންސް ރިވިއުގެ މައްޗަށް ބިނާކޮށް ޕީއާރް އެޖެންސީތަކުގެ އަދަދު 21 އިން 6 އަށް ކުޑަކޮށްފައިވާކަމަށް މައުލޫމާތުދީފައިވެ އެވެ. ކުރިން ކުންފުނީގެ ބަޖެޓުގެ ގާތްގަނޑަކަށް 80% ބޭނުންކުރަމުން އައީ ޓްރޭޑް ޝޯތަކާއި އެގްޒިބިޝަންތަކަށްކަން ފާހަގަކޮށް އެމްއެމްޕީއާރްސީން ބުނެފައިވަނީ މި ހަރަދުތައް ރީސްޓްރަކްޗާކޮށް 34% ދަށްކޮށްފައިވާ ކަމަށެވެ.
”ބައިވެރިވާ ކޮންމެ ބޮޑު ހަރަކާތަކުންވެސް، އެވްރެޖްކޮށް ދެ މިލިއަން ރުފިޔާ ސަލާމަތްކުރަމުން ދާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި އަޅުގަނޑުމެންގެ ބައިވެރިވުމާއި ވިޒިބިލިޓީ މިދަނީ ކުރިއެކޭ އެއްގޮތަށް ދަމަހައްޓަމުންނެވެ. މިއީ އިންޑަސްޓްރީ ޕާޓްނަރުންގެ ތަރުހީބު ލިބިގެންދިޔަ ބަދަލެއްކަމުގައިވެސް ފާހަގަކުރަމެވެ.“ އެމްއެމްޕީއާރްސީން ބުނެފައިވެ އެވެ.
އަވަށްޓެރި ވާދަވެރި އެހެން މަންޒިލްތަކުގެ މާކެޓިން އިދާރާތަކަށް، އެ ޤައުމުތަކުގެ ސަރުކާރުން ފުރިހަމަ ސަބްސިޑީ ދެމުންދާއިރު، އެމްއެމްޕިއާރްސީ ހިންގަމުންދަނީ މާލީ ގޮތުން ވަރަށް ތަފާތު ހާލަތެއްގައި ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެގޮތުން ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ސިނާއަތަށްވުމާއެކު، ވާދަވެރި، ފަތުރުވެރިންގެ ޝައުގުވެރިކަން ލިބޭ ދުނިޔޭގެ ކަންކޮޅުތަކުގައި ވިޒިބިލިޓީ ވަރުގަދަ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އިންވެސްޓްކުރުމަކީ މުހިންމު ކަމެއް ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެ އެވެ.
”މި ކޯޕަރޭޝަނުގައި ބަޖެޓުގެ ދަތިކަން ހުރި ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާއިން ދަނީ ރެކޯޑު އަދަދެއްގެ ކުރިއެރުންތައް ހޯދަމުންނެވެ.“ އެމްއެމްޕީއާރްސީން ބުނެފައިވެ އެވެ.
މީގެއިތުރުން އެމްއެމްޕީއާރްސީން ބުނެފައިވަނީ، ކުރިއަށް އޮތް 6 މަސް ދުވަހަކީ ފަތުރުވެރިކަމުގައި ރާއްޖެއަަށް ބޮޑު ބަދަލުތަކެއް އަންނާނެ ދުވަސްތަކެއް ކަމަށެވެ. އެގޮތުން މިހާރު ތައްޔާރުވަމުންދަނީ ލިވަޕޫލް އެފްސީ އާއެކު ތާރީޚީ ބައިނަލްއަޤްވާމީ ކެމްޕޭނެއް ފެށުމަށް ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެ އެވެ.
ކުރިއަށްއޮތް އެމްއެމްޕީއާރްސީގެ އަހަރީ އާންމު ޖަލްސާގައި 2024 ވަނަ އަހަރުގެ އޮޑިޓްކުރެވިފައިވާ މާލީ ބަޔާންތައް ހިމެނޭހެން އިތުރު ތަފްސީލުތައް ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި އެމްއެމްޕީއާރްސީގެ މާލީ ހަރުދަނާކަމާއި، އިސްލާހުތަކާއި އަދި ހިންގުމާއި ބްރޭންޑިން ދާއިރާގައި ގެންގުޅޭ އައު ޕްލޭންތައް ހިއްސާކުރެވޭނެ ކަމަށް އެމްއެމްޕިއާރްސީން ބުނެފައިވެ އެވެ.
އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ އިބްރާހިމް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)