ޔާމީންއާ ދެކޮޅަށް ހުށަހެޅި އާ ހެކިތަކުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހުކުމާ ހަމައިގައި

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމް ބާތިލު ކުރި ހުކުމުގެ ބައެއް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި އަބްދުﷲ ޔާމީން އަދި ޔޫސުފް ނައީމްގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށް ވަނީ އެ މައްސަލައިގައި ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. ހައިކޯޓުން ނިންމި ނިންމުމުގައި ވަނީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު ބައެއް ހެކިތައް އެއްފަރާތްކުރުމަށް އަންގާފައިވެ އެވެ. އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން އަންގާފައިވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅުނޫންކަމަށް ބަޔާންކޮށެވެ.

ބައެއް ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ބައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ސުޕްރީމް ކޯޓުގައި ބާއްވާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އެދިފައިވަނީ މި މައްސަލަ ކްރިމިނަލް ކޯޓުގައި އަލުން ބަލާއިރު، ހުށަހެޅި އާ ހެކިތަކާމެދު ދެފަރާތަށް ބަހުސް ކުރުމަށް ފުރުސަތު ދިނުމަށްފަހު، ދަށު ކޯޓުން ހެކިތަކާމެދު ގޮތެއް ނިންމުމަށް ކަނޑައަޅައިދިނުމަށެވެ.

ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ޔާމީިން (ކ)، ޔޫސުފް ނައީމް (ވ) އަދި ވަކީލުން (މ)

ޔާމީން އަދި ޔޫސުފް ނައީމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް ހަމްޒާ ލަތީފް މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ، ދައުލަތުން ފުރަތަމަ ވެސް މި ހެކިތައް ދަށު ކޯޓަށް ހުށަހެޅީ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ. އެކަން ހައިކޯޓުގައިވެސް ދައުލަތުން ދިފާއުކުރެއްވި ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުގައި ދައުލަތުން ދައްކަވަނީ މުޅިން އާ ވާހަކައެއްކަމަށް ވަކީލް ހަމްޒާ ވިދާޅުވި އެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި ދައްކަނީ މުޅިން އާ ވާހަކަތަކެއްކަން ފާހަގަކުރައްވާ ހަމްޒާ ވިދާޅުވީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ނޫން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ މި ހެކިތައް އުފަންވީ ކޮންއިރަކުތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ދައުލަތުން ބުނެފައިވަނީ، މައްސަލަ ފެށުނުއިރުވެސް މި ހެކިތައް ހުރިކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ވަނީ މިހިސާބުން މި މައްސަލައިގެ އަޑުއެހުންތައް ނިމުނީކަން ފާހަގަކުރައްވާފަ އެވެ. މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ކަމަށާއި އަދި އަވަސް މުއްދަތެއްގެ ތެރޭގައި ހުކުމް އިއްވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޔޫސުފް ނައީމުގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމް އިއްވީ 2023 ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ރިޝްވަތު ނެގުމާއި މަނީލޯންޑަރިިން ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް 11 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައިވެ އެވެ. އަދި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވެ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކްރިމިނަލް ކޯޓުގެ ނިންމުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް އަދި ޖަލު ހުކުމް ބާތިލު ކުރުމަށް ހުކުމް ކޮށްފައިވަނީ 18 އެޕްރީލް 2024 ދުވަހު އެވެ. 

ރައީސް އަބްދުﷲ ޔާމީން އެމްއެމްޕީއާރްސީ ހިޔާނާތް ސުޕްރީމް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ