ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) 17 ޕަސެންޓް ރޭޓުން މިއަދުން ފެށިގެން ނަގަން ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޓީޖީއެސްޓީއަށް އެއް ޕަސަންޓް އިތުރުކުރަން ނިންމީ ދައުލަތުގެ ފިސްކަލް ހާލަތު ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ.
އެގޮތުން ޓީޖީއެސްޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަހަރު އެވެ. މަޖިލީހުން ފާސްކޮށްފައިވަނީ ޖޫން 1 އިން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ. 2023 ވަނަ އަހަރުން ޓީޖީއެސްޓީގެ ގޮތުގައި ނަގަމުންއައިސްފައިވަނީ 16 ޕަސެންޓެވެ.
ޓީޖީއެސްޓީ ބޮޑުކުރުމާއެކު އޭރު މަޖިލީހުން ނިންމި ނިންމުމާއެކު، ޓޫރިސްޓް ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ފަތުރުވެރިން ހޭދަ ކުރާ ކޮންމެ ދުވަހަކަށް އެ ފަތުރުވެރިއެއްގެ އަތުން 12 ޑޮލަރު ނެގުމަށްވެސް ނިންމާފައިވެ އެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ހުންނަ ހޮޓާތަކާއި ޓޫރިސްޓު ގެސްޓު ހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން، ކޮންމެ ދުވަހަކަށް 6 ޑޮލަރު ނެގުމަށް ނިންމާފައިވެ އެވެ. މި ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ 2025 ޖެނުއަރީ 1 އިން ފެށިގެންނެވެ.
ފިނޭންސް މިނިސްޓްރީން ހެދި ކޮސްޓް އެސްޓިމޭޓުގައި ބުނެފައިވަނީ މި ބަދަލުތަކާއެކު ދައުލަތުގެ އާމްދަނީ ތިން އަހަރު ތެރޭގައި ޖުމުލަ 5.39 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން މި އަހަރުގެ އާމްދަނީ 1.57 ބިލިއަން ރުފިޔާއިން އިތުރުވާއިރު 2026 ވަނަ އަހަރު 1.84 ބިލިއަން ރުފިޔާއިން އިތުރުވާނެ ކަމަށް ބެލެވެ އެވެ.