މިއަހަރުގެ ޑިސެމްބަރު 31 ގައި އައްޑޫ ޝަންގްރި-ލާ އަލުން ހުޅުވާ ހިދުމަތް ދޭން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެ ރިސޯޓު ހުޅުވުމަށްޓަކައި ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށާއި އެ ރިސޯޓު އަލުން ހުޅުވުމަށް ވަރަށް ގިނަ ބައްދަލުވުންތަކާއި މަސައްކަތް ކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް 3 މަސް ތެރޭގައި ޝަންގްރި-ލާ ހުޅުވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރެވިގެން ދާނެ ކަމަށާއި އެތަން ބަންދުކޮށްފައި އޮތްއިރުވެސް ތަން ވަރަށް ރަނގަޅަށް ބަލަހައްޓަމުން އައިސްފައިވާ ކަމަށެވެ. މީގެ އިތުރުން އެތަނުގެ ކުއްޔަށް އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ސަރުކާރަށް އަހަރަކު ދައްކަން ޖެހޭ 800،000 ރުފިޔާ ކޮންމެ އަހަރަކުވެސް ދައްކަމުން އައިސްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝަންގްރި-ލާ އަލުން ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ވަގުތީގޮތުން ބަންދުކުރި އައްޑޫ ސިޓީގެ ޝަންގްރި-ލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާ އަކީ 2009 ވަނަ އަހަރު އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ތަރައްޤީކޮށް ހިންގުމަށް ދޫކުރެވުނު ރިސޯޓެކެވެ. މި ރިސޯޓު ބަންދު ކުރުމުގެ ކުރިން އެތަނުގައި 585 މުވައްޒަފުން ދިޔައީ މަސައްކަތް ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓުގެ ޚިދުމަތްތައް ދިގު މުއްދަތަކަށް މެދުކެނޑިފައި އޮތުމާ ގުޅިގެން، އައްޑޫ އިންވެސްޓްމަންޓްސް އާއި އެހެނިހެން ކަމާގުޅޭ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ވަނީ މިއަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހުގެ ކުރިން ރިސޯޓުގެ ހިންގުން އަލުން ފެށުމަށް ޓޫރިޒަމް މިނިސްޓްރީއާއެކު އެއްބަސްވެފައިކަމަށް މިނިސްޓްރީން ބުނެ އެވެ.
ޝަންގްރި-ލާ ވިލިނގިލި އަކީ އައްޑޫ ސިޓީގެ އިޤްތިޞާދުގެ މުހިންމު ތަނބެއްގެ ގޮތުގައި ދެމިއޮތް ފަތުރުވެރިކަމުގެ މަންޒިލެކެވެ. މި ރިސޯޓު އަލުން ހުޅުވުމުން އައްޑޫ ސިޓީގެ އިޤްތިޞާދަށް އިތުރު ކުރިއެރުމާއި އާރޯކަމެއް ލިބި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކަނެކްޝަންތައް އިތުރުވެގެންދާނެ އެވެ.
ޝަންގްރި-ލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާ އަލުން ހުޅުވުމަށް ނިންމި މި މުހިންމު ނިންމުމަށްޓަކައި ސަރުކާރުން ވަނީ ޝަންގްރި-ލާ ހޮޓެލްސް އެންޑް ރިސޯޓަށް ޚާއްޞަ ޝުކުރެއް ރައްދުކޮށްފައެވެ.
އައްޑޫ ސިޓީ މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން ޝަންގްރި-ލާ ރިސޯޓު



