މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ހިންގާފައިވާ ހިޔާނާތާއި ގުޅިގެން ސަން ކުންފުނިތަކުގެ މައްޗަށް ކުރި ދައުވާގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ރ. ފުއްގިރި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. ކޮށްފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އެ ދެ ކުންފުނީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ރިޝްވަތުގެ ފައިސާ ކަމަށްބުނާ 17 މިލިއަން ރުފިޔާ، އެ ދެ ކުންފުނި ބޭނުންކޮށްގެން ލޯންޑާ ކުރުމަށް ފަށަލަކުރި ކަމަށްބުނެ އެވެ.
މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ އާދިއްތަ ދުވަހު ބޭއްވިއިރު، އެ ދުވަހުގެ އަޑުއެހުމުގައި އޮތީ ހުލާސާ ބަޔާން އިއްވުމެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަދި ދައުވާ ރައްދުވާ ފަރާތުން އެދުވަހުގެ އަޑުއެހުމުގައި ހުލާސާބަޔާން އިއްވިއިރު، މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.
މި މައްސަލައިގައި ކޮށްފައިވާ ދައުވާއަށް ސަންގެ ދެ ކުންފުނިންވެސް އިންކާރުކުރެ އެވެ.
ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވެސް ދައުވާ ކޮށްފައިވާއިރު އެ މައްސަލައިގައިވެސް މިހާރު އޮތީ ހެކިބަސް ނަގާ ނިމިފަ އެވެ. އަދި އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ މަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ރ. ފުއްގިރި މައްސަލައިގެ ތަފްސީލު:
ޕީޖީ އޮފީހުން މި މައްސަލައިގައި މީގެކުރިން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައިފައިވާ ކަމަށެވެ.
މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެ އެވެ.
މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. ނަމަވެސް ފަހުން ދައުލަތުން ވަނީ ކްރިކް ރިޟާގެ މައްޗަށްކުރި ދައުވާތައް އަނބުރާ ގެންގޮސްފަ އެވެ.