މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑަށް ހއ. ފިއްލަދޫ، މަބުސްތާނުގޭ، މުހައްމަދު ވަހީދު އައްޔަން ކުރައްވައިފި އެވެ.
މިކަން އިއުލާން ކުރައްވާފައިވަނީ ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ.
އެމްޕީއެލްގެ ބޯޑަށް އައްޔަން ކުރެވުނު މުހައްމަދު ވަހީދަކީ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ވަޒީފާގެ ތަޖުރިބާގެ ތެރޭގައި ވެމްކޯ އަދި ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވެ އެވެ.
ވަހީދު އެޗްޑީސީގެ ބޯޑު މެންބަރުކަމަށް އައްޔަން ކުރެވިފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ނަމަވެސް އެ މަޤާމުން އޭނާ ވަކިކުރެވިފައިވަނީ މިމަހުގެ 6 ވަނަ ދުވަހު އެވެ.
މިހާރު އެމްޕީއެލްގެ ބޯޑުގައި ތިއްބެވި މެންބަރުންގެ ތެރޭގައި ޗެއާޕާސަން އާމިނަތު ހަމީދުގެ އިތުރުން، ބޯޑު މެންބަރުންގެ ގޮތުގައި އަހްމަދު އިލްޔާސް، އަހްމަދު ނިޔާޒް، އަހްމަދު ފަހީމް އަދި ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާން ހިމެނިވަޑައިގަންނަވަ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)
