މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ޑރ. އަލީރިޒާ ދެލްކޯޝް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް މުޢިއްޒުއަށް އެރުވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތަށް ފަހު ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮންނަ އެއްބަނޑު އެއްބަފާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިގުތިސާދީ ގޮތުން އެއްބާރުލުން އިތުރުކުރުމާއި، ފަންނީ ތަޖުރިބާ ޙިއްޞާކުރުމާއި ކުރިއަށް އޮތްތަނުގައި ދޭދޭ ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިކަންވެސް ފާޅުކުރެއްވި އެވެ.
މެދުއިރުމަތީގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން ސަފީރު ވަނީ ރައީސް މުޢިއްޒު މިފަދަ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތަށް ތަޢުރީފުކުރައްވައި، އީރާނުގެ ލީޑަރޝިޕްގެ ނަމުގައި ޝުކުރު އަދާކުރައްވާފަ އެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފަ އެވެ.
އީރާނުގެ އާ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ، އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތައް ކުއްވެރިކުރައްވައި، އެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ވަރަށް ބޮޑަށް ޚިލާފު ހަމަލާތަކެއް ކަމުގައި ވިދާޅުވެ، އެމަނިކުފާނުގެ އަމިއްލަފުޅު އެކްސް އެކައުންޓުން ޕޯސްޓެއް ހިއްސާކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިރާން އިރާން އިޒްރޭލް މެދު އިރުމަތި