ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި، އެކަން އިއުލާންކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިދިކޮޅު އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ރެޔަކަށްވެފައިވަނިކޮށް، ސޯލިހް ވަނީ މިރޭ އެމްޑީޕީ ތެރޭގައި ތިބި އޭނާަަގެ ސަޕޯޓަރުންނަށް ކެއުމެއް ދީފަ އެވެ. އެ ކެއުމުގައި ސޯލިހްގެ ފަރާތުން އޭނާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކުރެއްވީ ސޯލިހުގެ އާއިލީ ބޭފުޅެއްކަމަށްވާ އަލިފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކާއި ހަވާލާދީ، މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ”ރިޔާސީ ޕްރައިމަރީގައި ރައީސް ވާދަކުރައްވާނެ ކަމާއި މިހާރުން ފެށިގެން އަންނަ ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރަން އަދި ރިޔާސީ ޕްރައިމަރީ ރައީސަށް ކާމިޔާބުކޮށްދިނުމާ ގުޅޭ ގޮތުން ބައިވެރިން ވާހަކަ ދެއްކި،“ އެވެ. [ދައުރު ނިއުސްގައި ރިޕޯޓްކޮށްފައިވޭ]
ރައީސް ސޯލިހްގެ ފަރާތުން، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިމިވަނީ، އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯދުމުގެ ޝައުޤާއެކު ކުރީގެ ރައީސް މުހަައްމަދު ނަޝީދު މާދަމާރޭ އަނެއްކާވެސް އެމްޑީޕީީއަށް ގުޅިވަޑައިގަންނަވަން ނިންމައިފައިވަނިކޮށެވެ. އަދި އެމަނިކުފާނާ ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަރުހަބާ ކިޔުމަށް މާދަމާރޭ ސަލްޓަން ޕާކްގައި ބޮޑު ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ.
މިހާތަނަށް އެމްޑީޕީ ޓިކެޓަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުން:
- އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް
- އިބްރާހިމް މުހައްމަދު ސޯލިހް
- މުހައްމަދު ނަޝީދު [ރަަސްމީކޮށް އިއުލާންކުރައްވާފައެއް ނުވޭ، ނަމަވެސް ޝައުޤުވެރިކަން ހުރިކަން އިއުލާންކުރައްވާފައިވޭ]
- އެމްޑީޕީގެ ރައީސް އިބްދުﷲ ޝާހިދު [ރަަސްމީކޮށް އިއުލާންކުރައްވާފައެއް ނުވޭ]
ރިޔާސީ ޕްރައިމަރީއާ ގުޅިގެން އެމްޑީޕީ ތެރޭގައި ވަނީ ބޮޑެތި ބައިނައިވުންތަކެއްވެސް އުފެދިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ފައްޔާޒް އިސްމާއިލް