ތަރައްޤީގެ މަޝްރޫއުތައް ހުއްޓުވަން އެމްޑީޕީން ކޯޓަށްދާން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖެ އެކި ކަންކޮޅުގައި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް އަމިއްލަ ކުންފުނިތަކާއި ސަރުކާރުން ހަވާލުކޮށްފައިވާ 206 މަޝްރޫއަށް ފައިސާ ދިނުން ހުއްޓުވުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކޯޓަށްދާން ނިންމައިފި އެވެ.

ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ ރާއްޖެ އެކި ކަންކޮޅުގައި 206 މަޝްރޫއެއް ކުރިއަށްގެންދިއުމަށް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްފަ އެވެ. ހަވާލުކުރި ޖުމްލަ ޕްރޮޖެކްޓުތަކުގެ އަގު 2.7 ބިލިއަންއަށް އަރަ އެވެ.

އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގަރާރެއް ހުށަހެޅުއްވީ ކުރީގެ މަޖިލިސް މެންބަރު އަހުމަދު ސަލީމެވެ. ސަލީމްގެ ގަރާރުގައި ބުނެފައިވަނީ، 206 މަޝްރޫއެއް އެކި ފަރާތްތަކާ ހަވާލު ކޮށްފައިވަނީ ވާދަވެރި ބިޑަކާ ނުލާ ކަމަށެވެ. އަދި މިއީ މާލިއްޔަތު ޤާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ސަލީމްގެ ގަރާރުގައި ބުނެފައިވަނީ ބިޑް އުސޫލުން ބޭރުން މި މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވައިދު އިސްލާހު ކޮށްފައިވަނީވެސް މާލިއްޔަތު ޤާނޫނާއި ޚިލާފަށް ކަމަށެވެ. އަދި މި މަޝްރޫއުތައް ކުރީބައިގައި އިއުލާނުކޮށްފައި ނުވުމަކީވެސް ޤާނޫނާއި ޚިލާފު ކަމެއް ކަމަށް ބުނެފައިވެ އެވެ. މި ޤަރާރުގައި ތުހުމަތުކޮށްފައިވާގޮތުގައި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ސަރުކާރާއި ގުޅުންހުރި ކުންފުނިތަކަށެވެ.

އެހެންކަމުން މި މައްސަލަ ކޯޓަށް ހުށަހެޅުމަށާއި ކަމާގުޅޭ މުއައްސަސާތަކުން މި މައްސަލަ ނުބަލައިފި ނަމަ އެމްޑީޕީގެ ސަރުކާރެއްގައި އެ މުއައްސަސާތަކުގައި ތިބި ފަރާތްތައް ވަކިކުރުމަށް ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

ސަރުކާރުން އަމިއްލަ ކުންފުނިތަކާއި ހަވާލުކުރި 206 މަޝްރޫއު:

  • މި މަޝްރޫޢުތަކުގެ ޖުމްލަ އަގު ހުރީ 2.7 ބިލިއަން ރުފިޔާ އަށް.
  • މަޝްރޫޢުތައް ހަވާލުކުރީ 53 ކުންފުންޏަކާ.
  • އެންމެ ގިނަ މަޝްރޫޢު ހަވާލުކޮށްފައިވަނީ ކުޅިވަރުގެ ދާއިރާއިން، އެއީ 52 މަޝްރޫއު.
  • އެންމެ ގިނަ ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ކާކްލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ، އެއީ 11 މަޝްރޫއު.

އެ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަމިއްލަ ކުންފުނިތަކާ ސަރުކާރުން މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން 21 ދުވަސްތެރޭ ފަށަން ޖެހޭނެކަމަށާއި، މަސައްކަތުގެ އުޖޫރައަށް ވާ ފައިސާ ދިނުމުގައި އެއްވެސް މައްސަލައެއް ނުޖެހޭނެކަމަށެވެ.

ރައީސް ވިދާޅުވީ، އާންމު ފަރުދުންނަށް [ކުންފުނިތަކަށް] މިފަދަ މަޝްރޫޢުތައް ލިބިގެންދިޔުމުން، އެ މަޝްރޫޢުތަކުގެ ތެރެއިން އަންނަ ޗޭންތަކުގެ ސަބަބުން އެތައް ބަޔަކަށް ފައިދާވާނެ ކަމަށެވެ. މީގެ ސަބަބުން މުޅި އިޤްތިޞާދު ވަރަށް ބިޒީވެ، ޕްރޮޑަކްޓިވިޓީ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ