މާލޭގަައި ވެލްނެސް ސެންޓަރެއް ހުޅުވުމާއި ގުޅިގެން ދެ ވަޒީރަކު މަޖިލީހަށް ހާޒިރުކުރަން އިދިކޮޅު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޕާލިމެންޓްރީ ގުރޫޕުން ހުށަހަޅައިފި އެވެ.
އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބެލެންސް ސްޑޫޑިއޯގެ ނަމުގައި މާލޭގައި ހުޅުވި، ވެލްނެސް ސެންޓަރުން ދަނީ ޔޯގާގެ ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ.
އެ މައްސަލާގައި ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީން ހުށަހެޅި ދެ ވަޒީރުންނަކީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ދަނޑުވެރިކަމާއި ބެހޭ ވަޒީރު މަރިޔަމް މާރިޔާ އެވެ. މިނިސްޓަރ މާރިޔާ ހާޒިރުކުރަނީ އެ ސެންޓަރު ހުޅުއްވައިދެއްވުމަށް އެކަމަނާ ވަޑައިގެންނެވުމުން އެކަމާއި ހިތްހަމަނުޖެހި އެވެ. އަދި މިނިސްޓަރު އިހުސާން ހާޒިރުކުރަނީ އެ ސެންޓަރުގައި ހިންގާ ޔޯގާގެ ހަރަކާތްތައް ހިންގަނީ އާންމުކޮށް އިއުލާންކޮށްގެންކަމަށް ބުނެ، އެކަން ނުހުއްޓުވާ މައްސަލައިގަ ސުވާލުކުރުމަށެވެ.
މިނިސްޓަރު މާރިޔާ އާއި ކުރާ ސުވާލަކީ ”ޔޯގާގެ ހަރަކާތް ހިންގާނެކަން އާންމުކޮށް އިޝްތިހާރުކޮށްގެން، ފާއިތުވި ސެޕްޓެމްބަރު މަހުގެ 23 ގައި އަމިއްލަ ކުންފުންޏަކުން ’ބެލެންސް ސްޓޫޑިއޯ’ގެ ނަމުގައި މާލޭގައި ހިދުމަތް ދޭން ފެށި ވެލްނަސް ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވުމަށް މިނިސްޓަ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. މަރިޔަމް މާރިޔާ ވަޑައިގެންނެވީ އެކަން ކުރުމަށް ރައީސްގެ ހުއްދައެއް ނުވަތަ އިރުޝާދުފުޅެއް ލިބިވަޑައިގެންތޯ؟“ އެވެ.
މިނިސްޓަރު އިހުސާނާއި ކުރާ ސުވާލަކީ ”ބެލެންސް ސްޓޫޑިއޯގެ ނަމުގައި ފާއިތުވި ސެޕްޓެމްބަރު މަހުގެ 23 ގައި އަމިއްލަ ކުންފުންޏަކުން މާލޭގައި ހިދުމަތް ދޭން ފެށި ވެލްނަސް ސެންޓަރުގައި ޔޯގާގެ ހަރަކާތް ހިންގާނެކަން އާންމުކޮށް އިޝްތިހާރު ކުރިއިރު އެކަން ނުހުއްޓުވި ސަބަބަކީ ކޮބައިތޯ؟ ޔޯގާގެ ހަރަކާތް ހިންގުން ހުއްދަ ކަމަށް ރައީސްގެ އިރުޝާދުފުޅެއް ލިބިފައިވޭތޯ؟“ އެވެ.
ޔޯގާ ދުވަސް ފާހަގަ ކުރުމަށް 2022 ވަނަ އަހަރު އިންޑިޔާ އެމްބަސީ އިން ކުރިއަށް ގެންދިޔަ ހަރަކާތެއް ދީނީ އިލްމުވެރިން ގެ އިތުރުން އާންމުންވަދެ ހުއްޓުވި އެވެ. އެ ހަރަކާތް ހުއްޓުވީ ޝިރުކު ހިމެނޭ ކަމަށް ބުނެ އެވެ. އޭގެ ފަހުން ޔޯގާ ދުވަސް ފާހަގަކުރަން އާންމުތަނެއްގައި ބޮޑު ހަރަކާތެއް ނުބާއްވަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިސް އެމްޑީޕީ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
