ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުން ކައިވެނިކޮށްދެވޭނީ ވަކި ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހުކަމަށް ހިމަނާ ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުންގެ މިއަދުގެ ޖަލްސާއަށް މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު އެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސަގައި ވަނީ އިއްވާފަ އެވެ.
ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ 11 ވަނަ މާއްދާއަށް ހުށަހެޅުނު އިސްލާހުގައި ވަނީ ރާއްޖޭގައި ކައިވެނި ކުރަން އެދޭ ދެ ފަރާތުން ކައިވެނި ކުރުމުގެ ހުއްދައަށް އެދި ކައިވެނީގެ ރަޖިސްޓްރާއަށް ހުށަހަޅަން ވާނީ ތެލަސީމިއާއަށް ޓެސްޓު ކުރުމަށް ފަހު އެ ޓެސްޓުގެ ނަތީޖާއާ އެކު ކަމަށެވެ. މީގެ ކުރިން ގާނޫނުގައި މިކަން ހިމަނާފައި ނުވި ނަމަވެސް އަމަލު ކުރަމުން އަންނަނީ މިފަދައިންނެވެ. ނަމަވެސް މި އިސްލާހާއެކު މިކަން ގާނޫނުގައި ހިމެނިގެން ދާނެ އެވެ.
މީގެ އިތުރުން ހަމަ އެ މާއްދާއަށް ހުށަހަޅާފައިވާ ދެވަނަ އިސްލާހަކީ ކައިވެނި ކުރުމަށް ހުށަހަޅާ ދެ ފަރާތުގެ ތެލަސީމިއާ ޓެސްޓުގެ ނަތީޖާއަށް ބަލާ އެ ދެ ފަރާތަކީ ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުން ކަމުގައި ވާނަމަ އެފަދަ ކައިވެންޏެއް ކޮށްދެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފަހު ކަމަށެވެ. އަދި އެ ޕްރޮގްރާމުގައި ބައިވެރިވާން ޖެހޭ ފަރާތްތަކާއި އެ ޕްރޮގްރާމުގައި ހިމަނަން ޖެހޭ ބައިތައް ގަވައިދުގައި ބަޔާންކުރަންވާނެކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތައް ގާނޫނުގައި ބަޔާން ކުރުން ހިމެނެ އެވެ. މިހާރު ގާނޫނުގައި އޮންނަނީ އެ މަގާމަކީ ސިވިލް ސާވިސް މަގާމެއް ކަމަށާއި އެ މަގާމުގައި ހުންނަ ފަރާތަކުން މަސައްކަތްކުރާނީ، ވަޒީރުގެ އާންމު އިރުށާދުގެ ދަށުން ކަމަށެވެ. ނަމަވެސް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ މަގާމަށް އައްޔަން ކުރާ ފަރާތްތަކުގެ ޝަރުތުތަކާއި އެ މަގާމަށް ނަގާ ފަރާތެއްގެ މަސްއޫލިއްޔަތުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފަ އެވެ.
މި ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ގަވައިދުތަކާއި އުސޫލުތައް މި ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލާ ސަރުކާރުގެ ގެޒެޓުގައި ޝާއިރު ކުރަން ވާނެކަމަށް ބުނެފައިވެ އެވެ. މި ގާނޫނަށް ގެންނަ އިސްލާހަށް އަމަލު ކުރާނީ ގާނޫނު ފާސްވެ، ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިރު ކުރާ ދުވަހުން ފެށިގެންނެވެ.