ދަފްތަރުގައި ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން – މޭ މަހު 50 މިލިއަނެއްހާ ރުފިޔާ ދޫކުރި

Advertisement

އެންމެ ފަސް

Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އެންމެ ގިނައިން ރަޖިސްޓާވެފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެންސްޕާއިން އާންމު ކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،308 ފަރާތެއް ރަޖިސްޓާވެފައިވެ އެވެ. އަދި މޭ މަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 14،144 ފަރާތަކަށް ޖުމުލަ 50،768،000 ރުފިޔާ މާލީ އެހީގެ ގޮތުގައި ހަރަދުކޮށްފައިވާކަމަށް އެ ތަފާސްހިސާބުތަކުން އެނގެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،308 މީހުން މިހާރު ތިބި އިރު އޭގެ ތެރޭގައި މޭ މަހު މި ދަފްތަރުގައި އަލަށް ރަޖިސްޓާވި 156 މީހަކު ހިމެނެ އެވެ.

ނުކުޅެދުންތެރިން ހުންނަ މީހުންގެ ދަފްތަރުގެ ތަފްސީލް:‘

  • ޖިސްމާނީ ނުކުޅެދުންތެރިކަން: 4،091 (އަންހެން 1،800) (ފިރިހެން 2،291)
  • މަލްޓިޕަލް ޑިސްއެބިލިޓީ: 3،194 (އަންހެން 1،126) (ފިރިހެން 2،068)
  • ވިސްނުމުގެ/ސިކުނޑީގެ ނުކުޅެދުންތެރިން: 1،892 (އަންހެން 821) (ފިރިހެން 1،071)
  • ނަފްސާނީ ނުކުޅެދުންތެރިކަން: 1،753 (އަންހެން 704) (ފިރިހެން 1،049)
  • އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން: 1،740 (އަންހެން 920) (ފިރިހެން 820)
  • ފެނުމުގެ ނުކުޅެދުންތެރިކަން: 999 (އަންހެން 470) (ފިރިހެން 529)
  • އޯޓިޒަމް: 584 (އަންހެން 123) (ފިރިހެން 584)
  • އުނގެނުމުގެ ނުކުޅެދުންތެރިކަން: 55 (އަންހެން 19) (ފިރިހެން 36)

ރާއްޖޭގެ އަބާދީގެ ހަތް އިންސައްތަ މީހުންގެ ނުކުޅެދުންތެރިކަން ހުންނަ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީއިން ވަނީ މީގެ ކުރިން ބުނެފަ އެވެ. އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނެފައިވަނީ ނުކުޅެދުންތެރިކަމަކީ، މީހާގެ ޤާބިލުކަމަށް އޭގެ ސަބަބުން އަސަރުފޯރާ ކަމެއް ކަމަށާއި އަދި ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށްވުމަކީ މުޖުތަމައުއިން އެމީހަކު ބާކީކުރުވާ ސަބަބަކަށް ވެގެންދާ ޙާލަތްތައް ވެސް އަންނަ ކަމަށެވެ. އެހެންނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، މުޖުތަމައުގެ ތެރެއިން އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދެވިއްޖެނަމަ، އެ ފަރާތްތައް ބާރުވެރިކުރުވި، އަމިއްލަ މިނިވަންކަމާއިއެކީ މުޖުތަމައުގައި ދިރިއުޅުމަށް މަގު ފަހިވެގެން ދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ