ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން އިސްނަގައިގެން، މިއަހަރުގެ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަ ކޮށްފި އެވެ.
އިންޑިއާގެ އެމްބަސީން މި ދުވަސް މިއަދު ފާހަގަކޮށްފައިވަނީ ތާޖު މޯލްޑިވްސް ރިސޯޓުގަ އެވެ.
މި ހަރަކާތް ޝަރަފުވެރިކޮށްދީފައިވަނީ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރު އެވެ. މި ހަރަކާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަންވެސް ބަައިވެރިވެވަޑައިގެންފައިވެ އެވެ.
އިންޑިއާ އެމްބަސީން ބުނެފައިވާގޮތުގައި މިއަހަރުގެ ހަރަކާތުގައި 500 އަށްވުރެ ގިނަ މީހުން ބައިވެެރިވެފައިވެ އެވެ.
އިންޑިއާ އެމްބަސީން ކޮންމެ އަހަރަކުވެސް އަންނަނީ ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަ ކުރަމުންނެވެ. ނަމަވެސް 2022 ވަނަ އަހަރު މި ހަރަކާތް މާލޭގެ ގަލޮޅުދަނޑުގައި ބާއްވަމުންދަނިކޮށް އެތަނަށް ބަޔަކު ވަދެ ވަނި ހަމަނުޖެހުން ހިންގާފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ މައްޗަށް ދައުވާ ކުރިއިރު، މިފަހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ ދައުވާތައް ރިވިއު ކުރުމަށްފަހު ގިނަ ދައުވާތަކެއް އަނބުރާ ގެނެސްފަ އެވެ.
ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 21 ވަނަ ދުވަހެވެ.