އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަކީ އިންޑިއާއިން އެންމެ އިސްކަން ދޭ އެއް ގައުމު ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ ބަލަސުބްރަމާނިއަން ރޭ ވިދާޅުވެއްޖެ އެވެ.
ސަފީރު ބަލަސުބްރަމާނިއަން މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބަލަސުބްރަމާނިއަން ވިދާޅުވީ އިންޑިއާ އިން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތުގެ ދަށުން ރާއްޖެއަށް ހާއްސަ މަގާމެއް ދީފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަކީ އިންޑިއާގެ ”ނެއިބަހުޑް ފަސްޓް ޕޮލިސީ“ އާއި ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (ސާގަރް)ގެ ދަށުން ހާއްސަ އިސްކަމެއްދޭ ގައުމެއްކަމަށް ސަފީރު ވިދާޅުވި އެވެ.
ރާއްޖެއިން އިންޑިއާއާއެކު ހާރިޖީ ގުޅުން ގާއިމު ކުރީ ނޮވެމްބަރު 1، 1965 ވަނަ އަހަރު އެވެ. ދެ ގައުމުގެ މި ގުޅުމަށް މިއަހަރު 60 އަހަރު ފުރޭނެކަން ފާހަގަ ކުރައްވަމުން ސަފީރު ވިދާޅުވީ އެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަން ނިންމާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ މުހިންމުކަން ފާހަގަވެގެންދާ ކަމެއްކަމަށް ބަލަސުބްރަމާނިއަން ވިދާޅުވި އެވެ.
އިންޑިއާއިން ރާއްޖެއަށް އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށާއި ކެޕޭސިޓީ ބިލްޑް ކުރުމަށް ދޭ އިސްކަން ފާހަގަ ކުރައްވަމުން އިންޑިއާގެ ސަފީރު ވިދާޅުވީ ފާއިތުވި 5 އަހަރުގެ ތެރޭގައި 5،000 އަށް ވުރެ ގިނަ ދިވެހިންނަށް އެގައުމުގައި ތަމްރީންތައް ދީފައިވާ ކަމަށެވެ.